ވިޔަފާރި

މީރާގެ ސެންޓަރުތައް މާދަމާ ހުޅުވާއިރު ނަންބަރު ދޫކުރާނީ އޮންލައިންކޮށް


ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޓެކްސްޕޭޔަރ ސާރވިސް ސެންޓަރުތައް މާދަމާ ހުޅުވާއިރު، ހިދުމަތްތަކުގެ ކިއު ނަންބަރު އޮންލައިންކޮށް ދޫކުރާ ގޮތަށް ނިންމައިފިއެވެ.

މީރާއިން ބުނީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވިފައިވާތީ، މާދަމާއިން ފެށިގެން މީރާގެ ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ހުޅުވާލާނެކަމަށެވެ. މިގޮތުން ހުޅުވާލާއިރު ހިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 8:15 އިން މެންދުރު 12:00 އަށްކަމަށް މީރާއިން ބުނެއެވެ. ނަމަވެސް މީރާ ސާރވިސް ސެންޓަރުން ހިދުމަތަށް އެދޭ ކިއު ނަންބަރު ދޫނުކުރާނެ ކަމަށާއި، ނަންބަރު ދޫކުރާނީ މީރާ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށްކަމަށްވެސް މީރާއިން ބުނެއެވެ. އަދި އެޕްލިކޭޝަންތައް މެދުވެރިކޮށް ކިއު ނަންބަރު ނުނެގޭ ފަރާތްތަކުން މީރާގެ 3020460 އާ ގުޅައިގެން ހިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓު ހެދުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން ވަނީ ޓެކްސްޕޭޔަރ ސެންޓަރުތައް ހުޅުވިނަމަވެސް މިތަންތަނުގައި އިޖްތިމާއީ ގައިދުރުކަން ދެމެހެއްޓޭނެ ގޮތްތަކާއި ރައްކާތެރިކަމަށް އެހެން ފިޔަވަޅުތައް އަޅާފައެވެ. އަދި އޮންލައިންކޮށް ލިބެން ހުރި ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ކަސްޓަމަރުންގެ ކިބައިން އެދިފައެވެ.
މާދަމާ މީރާގެ ޓެކްސްޕޭޔަރ ސެންޓަރުތައް ހުޅުވިކަމުގައިވިޔަސް، ބަންދުގެ މުއްދަތާ ދިމާވި ސުންގަޑިތަކަށް ގެނެވިފައިވާ ބަދަލުތަކާއި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ވަކި އުސޫލަކުން ކަމަށް މިރާއިން މައުލޫމާތުދެއެވެ.

އެގޮތުން މީރާ ހުޅުވާ ފުރަތަމަ ހަފްތާގައި ކައުންޓަރުތަކުން ހަމައެކަނި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މީރާއަށް ބަލައިގަންނަ ޓެކްސް ނޫން ފީއާއި ކުއްޔާއި އެހެނިހެން ފައިސާއެވެ. އަދި، މިފަދަ ފައިސާއެއް ދެއްކުމުގެ ސުންގަޑިއެއް މި ބަންދާ ދިމާވެފައިވާނަމަ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ދެ ހަފުތާއާ ދިމާވާނަމަ، އެ ފައިސާއަކާ ގުޅޭ އިދާރާއަކުން އެހެން ގޮތަކަށް ކަނޑައަޅާފައި ނުވާނަމަ އައު ސުންގަޑިއަކަށް ވާނީ އަންނަމަހުގެ 16 ވަނަ ދުވަސްކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާ ހުޅުވާ ދެވަނަ ހަފްތާއިން ފެށިގެން ޓެކުހަށްނުވާ ފައިސާގެ އިތުރުން އޮންލައިންކޮށް ހުށަހެޅުން ލާޒިމުކޮށްފައިނުވާ ޓެކްސް ބަޔާނާއި އޮންލައިންކޮށް ދެއްކުން ލާޒިމުކޮށްފައި ނުވާ ޓެކުހުގެ ފައިސާ ބަލައިގަންނާނެއެވެ. މިދިޔަ އޭޕްރީލްމަހުގެ 15 ވަނަ ދުވަސް ނުވަތަ އެ ތާރީޚުގެ ފަހުން އަންނަ ނުވަތަ އައިސްފައިވާ ޓެކުހުގެ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ އަންނަމަހުގެ 23 ވަނަ ދުވަހެވެ.

މީރާއިން ވިދާޅުވީ އޮންލައިންކޮށް ހުށަހެޅުމަށް ލާޒިމުކޮށްފައިވާ ޓެކްސް ބަޔާންތަކާއި އޮންލައިންކޮށް ދެއްކުމަށް ލާޒިމުކޮށްފައިވާ ޓެކްސް ފައިސާގެ ސުންގަޑިތަކުގެ ތެރެއިން މި ބަންދާ ނުވަތަ މީރާ ހުޅުވާ ފުރަތަމަ ތިން ހަފުތާއާ ދިމާވާ ސުންގަޑިތަކުގެ އައު ސުންގަޑިއަކީ އަންނަމަހުގެ 23 ވަނަ ދުވެސްކަމަށެވެ.

2019 ވަނަ އަހަރުގެ ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ އައު ސުންގަޑިއަކީ މިއަހަރުގެ އޮގަސްޓުމަހުގެ 16 ވަނަ ދުވަހެވެ.

މިއަހަރަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހެޅުމާއި އިންޓެރިމް ޕޭމަންޓް ދެއްކުމުގެ އައު ސުންގަޑިއަކީ އަންނަ އޮގަސްޓުމަހުގެ 31 ވަނަ ދުވަހެވެ.