ވިޔަފާރި

5 ޖުލައިން ފެށިގެން ވޯކްވީޒާ ފީ ދެއްކޭނީ އޮންލައިންކޮށް


މާދަމާއިން ފެށިގެން ވޯކް ވީޒާ ފީ ބަލައިގަންނާނީ އޮންލައިންކޮށްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ކޯވިޑް-19އާ ގުޅިގެން އާ އާންމު ޙާލަތަށް ރުޖޫޢަވެ ޚިދުމަތް ފޯރުކޮށްދިނުމަށާއި، މިބަލި ފެތުރުން މަދުކުރުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެމުއައްސަސާއިން ދަނީ އަޅަމުންކަމަށެވެ.
މިގޮތުން އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ޚިދުމަތްތައް، އޮންލައިންކޮށް ދިނުމަށް ވަނީ ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި އޮންލައިންކޮށް ވީޒާފީ ބަލައިގަތުމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ، 9199153 ވާރކް ވީޒާ ހޮޓްލައިން، އަށް ގުޅުމަށް އިމިގްރޭޝަނުން އެދެއެވެ. މީގެކުރިން އިމިގްރޭޝަނަށް ދައްކަންޖެހޭ ވީޒާ ފީ ދައްކަން ދާންޖެހޭނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށެވެ.

އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ ތެރޭގައި ކޮންމެ ވަގުތަކުވެސް ވޯކް ވީޒާއަށް އެދެވޭ ގޮތަށްވެސް އިންތިޒާމްތައް ހަމަޖައްސައިދީފައެވެ. ނަމަވެސް ވީޒާ ޖެހުމަށް ޕާސްޕޯޓު ހުށައެޅުމަށް އެޕޮއިންޓްމަންޓް ދޫކުރާނީ ޢާއްމުކޮށް ޚިދުމަތްދިނުމަށް ސަރުކާރު އޮފީސްތައް ހުޅުވާލުމުގެ ހުއްދަ ލިބުމުން ކަމަށް އޭރު އިމިގްރޭޝަނުން ބުނެފައިވެއެވެ. އިމިގްރޭޝަނުން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމަށްފަހު ފުރަތަމަ ދައްކާ ވީޒާ ފީ ވެސް އޮންލައިންކޮށް ދައްކާލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

އިމިގްރޭޝަނުން ކުރިންވަނީ ކޯވިޑް-19ގެ ސަބަބުން ވިސާ ފައިސާ ދައްކަން ދަތިވެފައިވާ ފަރާތްތަކާއި ވިސާ ހެއްދުމަށް އުޒުރުވެރިވެފައިވާ ފަރާތްތަކުގެ ފީދެއްކުން ވަގުތީގޮތުން ފަސްކޮށްދީފައެވެ. އިމިގްރޭޝަނުން އަންނަނީ ކޯވިޑް-19އާއި ގުޅިގެން ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގައި ތިބި ބިދޭސީންގެ ކަންކަން ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން ބަލަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާއި ގަވާއިދާއެއްގޮތަށް ތިބި މީހުންގެ ތެރެއިންވެސް ޤައުމަށް ދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.