ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަނުން ހިންގާ ބޮޑެތި ހަރަކާތްތަކުގައި އެހީތެރިވެދޭނެ ބަޔަކު ހޯދަނީ


ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ހިންގާ އަހަރީ ބޮޑެތި ހަރަކާތްތަކުގައި އެހީތެރިވެދޭނެ ފަރާތެއް ހޯދަންފަށައިފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ އެ އެސޯސިއޭޝަންގެ ހަރަކާތްތައް ހިންގުމުގައި އެހީތެރިވާނޭ ފަރާތެއް ހޯދުމަށް ރިކުއެސްޓް ފޯރ ޕްރޮޕޮޒަލެއް ޢާއްމުކޮށްފައެވެ.

ގޭމްއަށް އެހީތެރިވުމަށް ހޯދާ ފަރާތެއްގެ މައިގަނޑު މަސައްކަތަކަށްވާނީ ދިވެހިރާއްޖޭގެ އައިލެންޑް ކޮމިޔުނިޓީ ޓުއަރިޒަމް ސިނާއަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ގޭމްއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން މި ސިނާއަތުގެ ބްރޭންޑިންގ އަދި އިމޭޖިންގ މަސަކަތްތައްކުރުންކަމަށް ގޭމްއިން ބުނެއެވެ. މިކަމަށް ހުށައަޅާ ފަރާތްވާންވާނީ ފަންނީ ޤާބިލްކަމާއި ތަޖްރިބާހުރި ފަރާތަކަށްކަމަށް ގޭމްއިން ބުނެއެވެ. ވިޔަފާރިތަކާއި ވަކިފަރުދުންނަށްވެސް މިކަމަށް ހުށައެޅޭނެއެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ގޭމްއަށް އެހީތެރިވެދޭންޖެހޭ ކަންކަމުގެ ތެރޭގައި ގެސްޓްހައުސްތައް އިޝްތިހާރުކުރުމާއި، ޕަބްލިކް ރިލޭޝަންސްގެ ހަރަކާތްތަކާއި، ގެސްޓްހައުސްތަކާއިބެހޭ މަޖައްލާ (ގައިޑް) ނެރުމާއި، ގެސްޓްހައުސް އަހަރީ އެކްސްޕޯ އާއި ކޮންފަރެންސް ބޭއްވުމާއި ކޯޕަރޭޓް އެވޯޑް ނައިޓްގެ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުން ހިމެނެއެވެ.

ގެސްޓްހައުސް ސިނާއަތް އިޝްތިހާރުކޮށް ކުރިއެރުވުމަށްޓަކައި ގެސްޓްހައުސް އެސޯސިއޭޝަނުން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.