ޚަބަރު

އައިޖީއެމްއެޗުގައި އެޑްމިޓް ހުރިހާ ޕޭޝަންޓުން ކޯވިޑް-19އަށް ޓެސްޓުކުރަން ނިންމައިފި


އައިޖީއެމްއެޗަށް ގެންދާ ހުރިހާ ޕޭޝަންޓުން ކޯވިޑް-19އަށް ޓެސްޓުކުރުމަށް އައިޖީއެމްއެޗުން ނިންމައިފިއެވެ.

އެހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ޕޭޝަންޓަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ކޯވިޑް-19އަށް ޓެސްޓް ކުރުމުގެ އިންތިޒާމުތައް ކުރިއަށްވުރެ ހަރުދަނާކޮށްފައި ވާކަމަށެވެ. އެގޮތުން އެހޮސްޕިޓަލަށް ގެންނަ ހުރިހާ ޕޭޝަންޓުންވެސް ކޯވިޑް-19އަށް ޓެސްޓްކުރުމަށް އެހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ. ހަމައެއާއިއެކު ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެތެރެއިން އިނަރޖެންސީ ޙާލަތެއްގައި ކޯވިޑް-19އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން މަޑުނުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް އޮތްތަނުގައިވެސް އެމާޖެންސީ ފަރުވާދޭނެކަމުގެ ޔަގީންކަން އެހޮސްޕިޓަލުންވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް އައިޖީއެމްއެޗްގެ ބައެއް އެހެނިހެން ޚިދުމަތްތަކަށްވެސް ބަދަލުގެނެސްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެހޮސްޕިޓަލުން ވިދާޅުވީ އައިސީޔޫގައި އޮތް ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާއާއި ކޮންޓެކްޓް ވީ މީހުންނާއި އެވަގުތު އައިސީޔޫގައި ތިބި ހުރިހާ އެންމެން ޓެސްޓުކޮށްފައިވާކަމަށާއި އެއެންމެނާއި ބައްދަލުވީ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް މިހާރު ކުރިއަށް ދާކަމަށެވެ. މީގެއިތުރުން އައިސީޔޫގައި ތިބި މީހުން މިހާރު އެހެން ވޯޑަކަށް ބަދަލުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗްގެ އައިސީޔޫގައި އޮތް ބަލި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތްކުރި ޑޮކްޓަރުންނާއި ނަރުހުންނާއި ޝައްކުކުރެވޭ އެހެން މީހުން މހާރު ޓެސްޓްކުރެވިފައިވާ ކަމުގައިވެސް އެގޮތުން މިހާތަނަށް ޕޭޝަންޓުންގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ވާއިރު 4 މުވައްޒަފުން ވަނީ ޕޮޒިޓިވް ވެފައެވެ. ޓެސްޓްގެ ނަތީޖާ ޕޮޒިޓިވްވި އެންމެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާއިރު ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ޕޭޝަންޓުން އައިސީޔޫއަށް ވެއްދުން މަޑުޖައްސާލާފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި އައިސީޔޫއިން ދޭންޖެހޭ ފަރުވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު ހޮސްޕިޓަލުގެ އެހެން ސަރަޙާއްދެއްގައި ދެމުންގެންދާނެކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އައިޖީއެމްއެޗުގެ ނޫސްބަޔާނުގައިވަނީ ކޯވިޑް-19އަށް އެހޮސްޕިޓަލުގައި މީހުން ޓެސްޓުކުރަމުންދިޔަނަމަވެސް މާލެ ތެރޭގައި މިވަގުތު ކޮމިއުނިޓި ސްޕްރެޑެއް އޮތުމާއެކު ބަލިމީހުން ގާތަށް އެހީތެރިންނާއި އެހެނިހެންވެސް ގޮތްގޮތުން މީހުންވަދެ ނިކުމެވާތީ މިބަލީގެ ބާވަތުން ފުރަތަމަ ހަދާ ޓެސްޓުން ނަތީޖާ ނެގަޓެވިވްވި ނަމަވެސް ފަހުން ބައްޔަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނަކަމަށެވެ. އެހެންކަމުން މިދުވަސްވަރު ހޮސްޕިޓަލަށް އަންނަ މީހުން ވީހާވެސް ބޮޑަކަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުން އެއްބާރުލުން ދިނުމަށް އެހޮސްޕިޓަލުންވަނީ އެދިފައެވެ.

ކޯވިޑް-19އާއި ގުޅިގެން މާލޭގައި ޢިއުލާންކުރި ފުރަބަންދަށް 3 ވަނަ މަރުޙަލާގައި ލުއިތައް ދީފައިވާއިރު މިދުވަސްވަރުވެސް ޢާއްމު ސިއްޙީ ރައްކާތެރިކަމަށް އިސްކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.