ޚަބަރު

މާވަރުލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހު


މާވާރުލު އެއާޕޯޓު އާއްމުންނަށް ހުޅުވާލައި، މިއަދު ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ.

މާވާރުލު އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސް އިން ހާމަކުރައްވާފައި ވާގޮތުގައި، އެއާޕޯޓަށް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަފްތާއަކު ދެފްލައިޓެވެ. މިގޮތުން ޝެޑިއުލް ދަތުރުތައް އޮންނާނީ، ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުގައި ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ހާމަކުރައްވައާފައި ވެއެވެ.

ފުރަތަމަ އެ އާޕޯޓަށް ޝެޑިއުލްދަތުރުތައް ކުރަން ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން މޯލްޑިވިއަނުންނެވެ. މޯލްޑިވިއަނުން ހަފްތާއަކު 2 ދަތުރު ކުރުމަށް ހަމަޖައްސާފައި ވާއިރު، ޓިކެޓް ޓިކެޓް ވިއްކަނީ، އެއްކޮޅަށް 827ރ އަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މާވާރުލު އެއާޕޯޓް މަޝްރޫޢުގެ ހުރިހާ މަަސައްކަތެއް ނިންމާލާފައި ވާއިރު، ގދ. މާވަރުލުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މާވަރުލު އެއަރޕޯޓާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއި މާވަރުލު އެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2018 ވަނަ އަަހަރުގެ މަރޗްމަހުގެ 15ވަނަ ދުވަހުއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ނިންމާފައިވަނީ އެއަރޕޯޓްގެ ރަންވޭއާއި، ޓެކްސީވޭއާއި ފްލައިޓް ޕާކިން އޭރިއާ(އެޕްރަން)ގެ މަސައްކަތެވެ.

މާވަރުލު އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެވެ.

މާވަރުލު އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ނިންމާފައިވަނީ 2019ވަނަ އަހަރުގެ ޖުލައި 31ވަނަ ދުވަހުއެވެ. މި ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ސަރުކާރުންވަނީ 57.04 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މާވަރުލު އެއަރޕޯޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންގޮސްފައިވަނީ ޕެސެންޖަރ ޓަރމިނަލް އިމާރާތާއި، ފަޔަރ ބިލްޑިންގްއާއި، ސްޓާފް ކުއަރޓަރއާއި ޕަވަރހައުސް، ގަރޑް ޕޯސްޓް އަދި ރެސްޓޯރަންޓެއްގެ މަސައްކަތެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 25ޖުލައި 2019ގައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމަލާފައިވަނީ ނިމުނު ޖުލައި މަހު 30ވަނަ ދުވަހުއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް 12.1 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގދ.މާވަރުލު އެއަރޕޯޓް މަޝްރޫޢަކީ އެސަރަޙައްދުގެ ރަށްތަކުގެ އުންމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތަކީ 2011 ވަނަ އަހަރުވެސް ފެށި މަސައްކަތެކެވެ. މަސައްކަތްކުރުމަށް ކުންފުންޏަކާއި ހަވާލުކުރުމަށްފަހު އެއެއްބަސްވުން ފަހުންވަނީ އުވާލާފައެވެ.

މާވަރުލު އެއަރޕޯޓްގެ މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ 2018ވަނަ އަހަރުއެވެ. މާވަރުލު އެއަރޕޯޓަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ޝެޑިއުލް ދަތުރުތައް ފަށާނެއެވެ.

ގދ، މާވަރުލުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ. މި މަސައްކަތުގެ ދަށުން 199 މީޓަރު ބޭރު ތޮށިލުމާއި، 30 މީޓަރުގެ ރިވެޓްމެންޓް، 50 މީޓަރު އުއޯއިއެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގެ 250 ސްކޮއަރ ކިލޯމީޓަރުގައި 50 މީޓަރުގެ ޕޭމަންޓް ވަނީ ތަރައްޤީކޮށްފައެވެ. 18.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރި މި މަސައްކަތުގެ ދަށުން ބަނދަރުގައި މޫޓު ހަރުކޮށް، ނެރު ބައްތިއާއި ބަނދަރުގައި މަގު ބައްތި ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢްގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 26 ޑިސެމްބަރ 2019ގައެވެ.