ޚަބަރު

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަން 64 އަހަރުގެ ޝާޙް މަޙްމޫދު ޤުރައިޝީވަނީ ޓުވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.

އޭނާ ވިދާޅުވީ މިއަދު ހަވީރު ހުމުގެ އަލާމާތެއް ފެނިގެން އަމިއްލަފުޅަށް ގޭގައި ކަރަންޓީން ވެވަޑައިގެންނެވިކަަމަށާއި އަދި ޓެސްޓްކުރުމުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ﷲގެ ވާގިފުޅާއެކު އޭނާގެ ހާލު ރަނގަޅުކަމަށާއި ގޭގައި ހުރެގެން މައްސޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ޚާރިޖީވަޒީރު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ ޝާހް މަޙްމޫދު ޤުރައިޝީއަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރައްވާކަމުގައި ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ކޯވިޑް-19އަށް ޕޮޒިޓިވެފައިވާއިރު އެޤައުމު ފާހަގަކުރެވެނީ ދުނިޔޭގައި 12 ވަނައަށް އެންމެ ގިނަ މީހުން ކޯވިޑް19އަށް ޕޮޒިޓިވެފައިވާ ޤައުމުގެ ގޮތުގައެވެ. އެގޮތުން މިހާތަނަށް އެޤައުމުގައި 221,896 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވެވެ، 4,551 މީހުންވަނީ މި ބަލީގައި މަރުވެފައެވެ. އަދި 113,623 މީހުން ވަނީ އެޤައުމުގައި ބަލިން ރަނގަޅުވެފައެވެ.