ޚަބަރު

މި ޙާލަތަށް އާދެވުނީ ސިއްޙީ ޚިދުމަތްތެރިންނަށް ރައީސް ކުރެއްވި އިތުބާރުގެ ސަބަބުން- މަބްރޫކް


ރާއްޖެއިން ކޯވިޑް-19 ފެނުނު ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ހާސިލްކުރެވުނު ކަންކަން ހާސިލްވެފައިވަނީ ކުރިމަތިވި ގޮންޖެނުންތަކާއިއެކުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ރާއްޖޭގެ ޞިއްޚީ ބޭފުޅުންނަށް ކުރެއްވި އިތުބާރާއި، ދެއްވި އިޚްތިޔާރުތަކުގެ ސަބަބުންކަމުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ކަނޑައެޅުއްވި ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިިޑް-19ގެ ޙާލަތާއި ގުޅިގެން އުފެއްދި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރެއްވި މަސައްކަތްތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ޕީއެސްއެމް ނިއުސްގެ "އެކްސް ކްލޫސިވް" ޕްރޮގުރާމުގައި މަބްރޫކް ވިދާޅުވީ ކޯވިޑް-19ގެ ހާލަތުން ރާއްޖެއަށް ކުޑަކޮށްވެސް ހިންދެމިލެވުނީ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ހަމަޔަށްވެސް ރާއްޖޭގެ ޞިއްޙީ ދާއިރާގެ މަސައްކަތްތެރިން ކުރެއްވި މަސައްކަތުންކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖޭގައި މިކަމުގައި އެންމެ ފުރަތަމަ ބަސްވެސް އަދި ފަހު ބަސްވެސް ވިދާޅުވާ ބަޔަކީ ޞިއްޙީ ބޭފުޅުންކަމަށް ރައީސުޖުމްހޫރިއްޔާ ކަނޑައެޅުއްވި ކަނޑައެޅުމުގައި ފަހުވަގުތާއި ހަމަޔަށްވެސް ދެމިހުންނެވިކަމީ މިކަމުގައި އެމަނިކުފާނުގެ އިޚްލަސްތެރިކަން އޮތްމިންވަރު ހާމަވެގެންދިޔަ ކަމެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކި ދިމަދިމާލުން އައި ޕްރެޝަރުތަކާއި އެކުގައިވެސް ޤައުމު އިޤްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިގެން ދިޔައިރުވެސް ރައްޔިތުންގެ ފުރާނަޔަށް އިސްކަންދެއްވައި، ޞިއްޚީ ބޭފުޅުންގެ ބަސް އިސްކުރެއްވިކަމީ މިއަދު މިބަލީގެ ކާވް ފްލެޓްވެ، އެކަމުން އަރައިގަނެވުމުގެ އެންމެ ބޮޑު ސަބަބު ކަމަށެވެ.

"އެތައްކަމެއް ކުރިމަތިވެ އެތައް ޕްރެޝަރަކާއި ކުރިމަތިވެ ލެއްވި އިރުވެސް ޑޮކްޓަރުންނާއި، ހެލްތް ޕްރޮފެޝަލުންނަށް އެންމެ އިސްކަންދެއްވައި ފުރުސަތުދެއްވި. އެބޭފުޅުން މިކަމުގައި ދެކިވަޑައިގަންނަވާގޮތަކަށް ކުރިއަށް ދިއުމަށް، ސާފް މަގު ދެއްކެވި. ދެން އެހެން ތައްގައުމެއް ކުރި ތަޖުރިބާ އަޅުގަނޑުމެންނަށް ފެނުނު. އަޅުގަނޑުމެންނަށް ފެނުނު އެކި ސިޔާސަތުގައި މަސައްކަތްކުރި ގައުމުތަކަށް ވެގެންދިޔަގޮތް. އަޅުގަނޑު ހަމަ ވަރަށް ފަހުރުވެރިވޭ. ހަގީގަތުގައި މިހާލަތުގައި މިވަރުގެ ރައީސެއް ހުންނެވިކަމީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި އަސަރުތަކެއްކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލި މާލީ ގޮތުން ޤައުމު ބޮޑު އަދަވަޅަކަށް ވެއްޓިފައިވާކަމީ އެންމެވެސް ގަބޫލުކުރާ ހަގީގަތެއްކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި ކަމާއި ގުޅުންހުރި އިދާރަތަކާއި، ފަންނީ ބޭފުޅުންގެ ލަފަޔާއިއެކު މިހާ އަވަހަށް މަސައްކަތް ފެށިފައިވަނީވެސް ޞިއްޙީ ބޭފުޅުންގެ އިރުޝާދުތަކާއިއެކު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިހާލަތު ރާއްޖެއާއި ކުރިމަތިވި އިރު އޮތް ނުރައްކަލާއި ހުރި ވަސީލަތްތަކާއި، ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް މިވީ ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ހާސިލް ކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައާއި، މާލެ ސަރަހައްދުގައިވެސް އައިސީޔޫތަކާއި، ކަރަންޓީން ފެސިލިޓީސްތައް ނެތްކަމުގައި ވީނަމަވެސް މިއަދު އެތަންތަން ޤާއިމްކުރެވި ތައްޔާރީ ހާލަތުގައި ހުރިކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަތޮޅުތަކުގައި މިހާރު ކޯވިޑަށް ޓެސްޓްކުރެވޭނެ ވަސީލަތްތައް ގާއިމްކުރެވިފައިވާއިރު، ކޯވިޑް އިތުރަށް ގޯސްވިނަމަވެސް މެނޭޖް ކުރެވޭނެ ވަރަށް މިހާރު ވަސީލަތްތައްވެސް ހޯދި ތަންތަންވެސް ގާއިމްކުރެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ސަރުކާރުން މަސައްކަތް ކުރައްވާނީ މިކަމުގައި ވެވެން އޮތް ހުރިހާ ތައްޔާރީއެެއްވެ އިތުރު ވަސީލަތްތައް އަދިވެސް ގާއިމްކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޯވިޑް-19އަށް ނެގުނު 7 ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ޓެސްޓްކުރެވޭނެ ގޮތާއި، ވަސީލަތްތައް ގާއިމްކުރުމަށް ކުރެވުނު މަސައްކަތުން ރައްޔިތުން ކަންބޮޑުނުވެ މިކަންކަން ކުރެވޭނެ ވަރަށް ވަސީލަތްތައް ހޯދިފައިވާކަން ފާޙގަކުރައްވައި މަބްރޫކް ވިދާޅުވީ، މިމަސައްކަތް މިހިސާބަށް ގެނެވިފައިވަނީ އެތައް ބޭފުޅުންނއްގެ ބުރަ އަދި މިންނެތް މަސައްކަތުން ކަމަށެވެ.