ޚަބަރު

މަޝްހޫރު ކޮރިއަގްރާފަރ ސަރޯޖް ޚާން މަރުވެއްޖެ


ބޮލީވުޑްގެ މަޝްހޫރު ކޮރިއަރ ގްރާފަރ ސަރޯޖް ޚާން މަރުވެއްޖެއެވެ.

އުމުރުން 71 އަހަރުގެ ސަރޯޖް ޚާން މަރުވީ ހާޓްއެޓޭކެއް ޖެހިގެން މުމްބާއީ ގްރޫ ނަނަކް ހޮސްޕިޓަލްގެ އެޑްމިޓްކޮށް، އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނުއެވެ. ނޭވާލާން އުނދަގޫތަކާ ކުރިމަތިވެގެން ސަރޯޖް ޚާން އެ ހޮސްޕިޓަލުގައި އެޑިމިޓްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުން މިއަދަކީ ސަރޯޖް ޚާން މުމްބައިގެ ހޮޓަލެއްގައި ޕާފޯމް ކުރަން އޮތް ދުވަހެވެ.

ސަރޯޖް ޚާން މަރުވިއިރު އޭނާ ވަނީ ބޮލީވްޑްގެ 2000 އަށް ވުރެ ގިނަ ލަވަ ކޮރިއަރގްރާފްކޮށް 3 ފަހަރަށް ނެޝަނަލް އެވޯޑް ހާސިލްކޮށްފައެވެ. އުމުރުން ތިން އަހަރުގައި ސްރޯޖް ޚާން ވަނީ ބެކް ޑާންސަރެއްގެގޮތުގައި ހަރަކާތްތެރިވެފައެވެ. އަދި އެންމެ ފުރަތަމަ ލަވައެއް ކޮރިއަރގްރާފް ކޮށްފައިވަނީ 1974 ވަނަ އަހަރު ރިލީޒް ކުރި "ގީތާ މޭރާ ނާމް"އެވެ. މަރުވުމުގެ ކުރިން އޭނާ އެންމެ ފަހުން ކޮރިއާގްރާފް ހަދާދީފައިވަނީ މިދިޔަ އަހަރު ރިލީޒްކޮށްފައިވާ "ކަލަންކް"ގެ "ތަބާހް ހޯގަޔާ" މި ލަވައެވެ.

ސަރޯޖް ޚާން ކޮރިއަރގްރާފްކޮށްފައިވާ ލަވަތަކުގެ ތެރޭގައި 1992 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ބޭޓާ" އިން މަޝްހޫރުވި "ދަކް ދަކް ކަރްނޭ ލަގާ" 1988 އަހަރު ނުކުތް "ތޭޒާބް" ގެ " އޭކް ދޯ ތީން "، އަދި 1987 ވަނަ އަހަރު ރިލީޒް ކުރި "މިސްޓަރ އިންޑިއާއިން މަޝްހޫރުވި "ހަވަ ހަވައީ " މި ލަވަތައް ފާހަގަކޮށްލެވެއެވެ.

ސަރޯޖް ޚާންގެ މަރާއެކު ބޮލީވްޑްގެ ތަރިން އަންނަނީ ހިތާމަ ފާޅު ކުރަމުންނެވެ.

މިއަހަރު ވެގެން ގޮސްފައިވަނީ ބޮލީވުޑަށް ހިތާވެމަވެރި އަހަރެއްގެ ގޮތުގައެވެ. މަޝްހޫރު އެތައް ތަރިންތަކެއް މި އަހަރު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ރިޝީ ކަޕޫރާއި އިރްފާން ޚާން، ވާޖިދް ޚާންގެ އިތުރަށް ކުރިއަރަމުން އައި ތަރި ސުޝާން ސިން ރާޖުޕުތް ހިމެނެއެވެ.