ޚަބަރު

ޖުލައި 5 ވަނަ ދުވަހުން ފެށިގެން ބޭންކުތައް އާއްމުކޮށް ހުޅުވަނީ


އާދީއްތަދުވަހުން ފެށިގެން އެމްއެމްއޭއާއި ބޭންކުތަކުން އާއްމު އުސޫލުން ހިދުމަތްދޭ ގޮތަށް ބަދަލުކޮށްފިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ފުރަބަންދުގެ ހާލަތާއިއެކު މަރުކަޒީ ބޭންކް އެމްއެމްއޭ އަދި ބޭންކުތައް ވަނީ ބަންދުކޮށް، އޮންލައިންކޮށް ގިނަ ހިދުމަތްތަށް ދޭން ފަށާފައެވެ. އަދި އަސާސީ ބޭންކިންގެ ހިދުމަތްދޭން ކޮންމެ ހަފްތާއަކުވެސް ބައެއް ދުވަސްތަކުގެ ވަކި ގަޑިތަކެއްގައި އެމްއެމްއޭ އަދި ބޭންކްތައް ހުޅުވުއިގެން ދިޔައީ ހިދުމަތްދެމުންނެވެ. ނަމަވެސް ފުރަބަންދަށް ލުއިތައް ދިނުމާއި ގުޅިގެން އެމްއެމްއޭ އަދި ބޭންކްތައް މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ހުޅުވާ ހިދުމަތްތައް ދޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.ވއެމްއެމްއޭއިން ބުނީ ކަމާބެހޭ ފަރާތްތަކުން އަލުން ފިޔަވަޅުތަކެއް ނާޅާހާ ހިނދަކު ބޭންކްތައް އާ އާންމު ހާލަތުގެ ދަށުން ހިދުމަތް ދިނުމަށް ކޮންމެ ހަފްތާއަކު އާދީއްތައިން ފެށިގެން ބުރާސްފަތި ދުވަހާއި ހަމަޔަށް ހުޅުވާފައި ހުންނާނެކަމަށެވެ.

މަރުކަޒީ ބޭންކުން އާއްމުންނަށް ހިދުމަތްދޭއިރު އަމަލުކުރާ ގޮތްވެސް މިހާރު ވަނީ އާންމުކޮށްފައެވެ. މިގޮތުން އެބޭންކުން ފައިސާ ބަލައިގަތުމާއި، ދޫކުރުން އަދި ސިޓީއާއި ތަކެތި ބަލައިގަންނާނީ ހެނދުނު 8:30 ފެށިގެން މެންދުރު 2:00 ޖެހުމާއި ހަމައަށެވެ. މީގެއިތުރުން ޖެމްސް ބޭނުންކުރައްވާ އިދާރާތަކާއި އާންމު ފަރާތްތަކުން އެ އޮތޯރިޓީއަށް ފޮނުވާ ސިޓީ އާއި އެހެނހެން ތަކެތި [email protected] މެދުވެރިކޮށް ފޮނުވުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭއިން ބުނީ 5 ޖުލައިން ފެށިގެން ކުދި ރުފިޔާ ދޫކުރުމާއި ވަކިލާރި ދޫކޮށް ބަލައިގަންނާނީ ކޮންމެ ހަފްތާއަކުވެސް އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށެވެ. އަދި އެމްއެމްއޭއިން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެމީހެއްގެ މައުލޫމާތާއި ހޯދަން ބޭނުންވާ ހިދުމަތް 7919292 އަށް އެސްއެމްއެސްކޮށް އެންގުމަށް ވަނީ އެދިފައެވެ. މީގެއިތުރުން ކޮންމެ ހިދުމަތެއް ހޯދަން އައިކަމުގައިވިޔަސް ކަސްޓަމަރުން މާސްކު އަޅަން ޖެހޭނެކަމަށެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގައި ހިންގާ އެހެން ބޭންކުތައްވެސް އާދީއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ހަފްތާއަކު ހުޅުވާ ހިދުމަތް ދެވޭނެކަމަށެވެ. ނަމަވެސް ވަކިވަކި ބޭންކުތައް ހުޅުވާނެ ގަޑިތަކާއި، ދެނޭ ހިދުމަތްތައް އަދި ބޭންކްތަކުން އަޅާ ރައްކާތެރިކަމަށް ފިޔަވަޅުތައް ނިންމާނީ އެބޭންކްތަކުން އަމިއްލައަށްކަމަށް އެމްއެމްއޭއިން ބުނެއެެވެ.