ޚަބަރު

ބަލި ޖެހުނު މީހުންގެ އަދަދު 2400އަށް، ރަނގަޅުވި މީހުން މިއަދުވެސް %82ގައި


އިތުރު 18 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިއަދު އިތުރު 15 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި، ބަންގްލަދޭޝްގެ 11 މީހުންކަަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2400އަށް އިތުރުވެފައެވެ.

ރާއްޖެއިން އިތުރު 15 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1969 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ބަލި ޖެހުނު މީހުންގެ 82 އިންސައްތައެވެ. ރާއްޖޭގައި ކޯވިޑް-19އަށް މިހާރު ފަރުވާދެމުންދަނީ 416 މީހުންނަށެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް-19ޖެހިގެން މަރުވެފައިވަނީ 10 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެއްސަކާއި 5 ބިދޭސީންނެވެ.