ވިޔަފާރި

މޯލްޑިވިއަންއިން އޮންލައިން ޗެކިންގެ ޙިދުމަތް ދޭން ފަށައިފި


މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ޗެކިން ވެވޭނެ ކަމަށް އެއަރލައިނުން ހާމަކޮށްފިއެވެ.

މޯލްޑިވިއަންއިން ބުނީ ޑޮމެސްޓިކް ދަތުރުތަކަށް ފްލައިޓް ފުރުމަށް ހަމަޖެހިފައިވާ ގަޑީގެ 12 ގަޑިއިރު ކުރިން އޮންލައިންކޮށް ޗެކިން ވެވޭނެކަމަށެވެ. އަދި އިންޓަރނޭޝަނަލް ފްލައިޓްތަކަށް، ފްލައިޓު ގަޑީގެ 48 ގަޑިއިރު ކުރިން އޮންލައިންކޮށް ޗެކިން ވެވޭނެކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

އޮންލައިންކޮށް ޗެކިންވުމުގެ ޙިދުމަތް ލިބޭނީ ފްލައިޓް ފުރުމަށް 4 ގަޑިއިރަށްވުމާއި ހަމައަށެވެ. ޑޮމެސްޓިކް ދަތުރުތަކަށް އޮންލައިންކޮށް ޗެކިންވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އީ-ބޯޑިން ފާހެއް ލިބޭނެއެވެ.

މޯލްޑިވިއަންއިން މައުލުމާތުދޭގޮތުން އޮންލައިންކޮށް ޗެކިންވާ ފަރާތްތަކުން ފްލައިޓު ފުރާ ގަޑީގެ އެއްގަޑިއިރު ކުރިން ލަގޭޖްތައް ޑޮމެސްޓިކް ޑިޕާރޗަރ ޓަރމިނަލްގެ ކައުންޓަރ 1 އަށް ހަވާލުކުރަން ޖެހޭނެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، މިމަހުގެ އެކަކުން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޝެޑިއުލް ދަތުރުތައް މޯލްޑިވިއަނުން ވަނީ ފަށާފައެވެ.