ޚަބަރު

ފުރަބަންދުގައި ބިލް ދެއްކީ %30 މީހުން، ޖޫން މަހުގެ ބިލުން %40 ކަނޑާލަން ވަނީ ނިންމާފައި


ޖޫން މަހުގެ ކަރަންޓް ބިލުން 40 އިންސައްތަ ކަނޑާލަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުކަމަށްބުނެ ބައެއް މީހުން އެކަމުގެ ޝަކުވާ ކުރަމުންދާތީ ސްޓެލްކޯއިން ވަނީ އެކަން ބަލަމުންދާކަންވެސް ހާމަކޮށްފައެވެ. ސްޓެލްކޯއިން ބުނީ ފުރަބަންދުގެ މުއްދަތުގައި ބިލް ދެއްކީ %30 މީހުންކަމަށެވެ.

ކަރަންޓު ބިލްތައް ބޮޑުވި ސަބަބާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން، ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ޖޫން މަހުގެ ބިލްތައް މިހާރު ފެންނަވަރަށް ބޮޑުވެފައިވަނީ މީގެކުރިން ސަރުކާރުން ނިންމާފައިވާގޮތުންނަމަ ބިލްތަކުން ޖޫން މަހު ސަބްސިޑައިޒްކުރުމަށް ނިންމާފައި ނެތުމުންކަމަށެވެ. އަދި ޖޫން މަހަކީ ހޫނު ގަދަ މަހަކަށް ވުމާއި ރަމަޟާން މަސްވެސް އެ ދުވަސްވަރާ ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމަކީވެސް ބިލް ބޮޑުވި ސަބަބެއްކަމަށް މުޣްނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ދުވަސްވަރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިލްތަކުގެ ރީޑިން ނަގަން ގެތަކަށް މުވައްޒަފުން ފޮނުވާފައިނުވާތީ ބިލްތައް މައިގަނޑުގޮތެއްގައި ތައްޔާރުކޮށްފައިވަނީ މިދިޔަ 3 މަހުގެ އެވަރެޖަށް ބަލައިގެން ކަމަށެވެ. ކަރަންޓް މީޓަރުގެ ރީޑިންގ ނަގަން ނުދިޔަނަމަވެސް ސްޓެލްކޯއިން ވަނީ މީޓަރުގެ ފޮޓޯ ފޮނުވުމަށްވެސް އެ ދުވަސްތަކުގައި އެދިފައެވެ.

މި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތަތަކެއް ކުރަމުންދާއިރު، އާންމުންގެ މެދުގައި ހަކަތަ ބޭނުންކުރުން މަދުކޮށް ނުވަތަ އެނަރޖީ ސޭވިންގް ދިރިއުޅުމަކަށް އަހުލުވެރިވުން މުހިންމުކަން މުޣުނީ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރު ބޭނުންކުރާ ނިޒާމަކީ ކަރަންޓާއި ފެނުގެ އަގު އުފުލޭ ނިޒާމަކަށް ވާއިރު، މިކަމަށް އާންމުން ސަމާލުވާންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަތަކަށް ލުއިތަކެއް ހޯދުމަށް ސްމާޓް މީޓަރު ތަޢާރަފްކޮށް ރީޑިންގް ނެގުމުގަޔާއި، ބިލްތައް ތައްޔާރުކުރުމުގައި އިންތިޒާމު ރަނގަޅުކުރުމަށް ނިންމާފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު، ސްޓެލްކޯގެ ޑޮމެސްޓިކް ބިލުން ސަބްސިޑީގެ ގޮތުގައި 40 އިންސައްތަ ކަނޑާލަން ނިންމާފައިވާއިރު، ބިލްތައް ބަހާލައިގެން ދެއްކޭނެ އިންތިޒާމް ގޭބިސީތަކަށާއި ވިޔަފާރިތަކަށްވެސް ހަމަޖައްސައިދީފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. އެގޮތުން މިކަމަށް އެދި އަންނަ އާދިއްތަ ދުވަހުން ފެށިގެން 2 ހަފްތާގެ މުއްދަތައް ފުރުސަތު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގައި ލުއިތައް ދޭނީ ބިލް ދައްކާ ފަރާތުގެ މާލީ ޙަލަތަށް ބަލައި އާންމުންނަށް ފަސޭހަވާގޮތައްކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި ބިލް ނުދެއްކުނަސް ކަރަންޓު ނުކަނޑާލާނެކަމުގެ ޔަޤީންކަން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ވަނީ ދެއްވާފައެވެ.

ސްޓެލްކޯއިން ބުނީ ފުރަބަންދުގެ މުއްދަތުގައި ކަރަންޓް ބިލް ދައްކާފައިވަނީ 30 އިންސައްތަ މީހުން ކަމަށެވެ.

ކަރަންޓް ބިލްތައް ބޮޑުވި މައްސަލައިގައި، ސްޓެލްކޯގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޟިރުކުރުމަށް މިހާރު ވަނީ، މަޖިލީހަށްވެސް ހުށައަޅުއްވާފައެވެ.