ޚަބަރު

ބައްސާމް އިންތިޚާބުވެއްޖެކަމަށް އިޢުލާންކުރުން - ދެންވާނީ ކިހިނެތް؟


ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމިޓީއާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް އަސާސީ ޤަވާއިދަށް ބަދަލުގެނެސް އެފްއޭއެމްގެ ރައީސަކަށް އެ އެސިއޭޝަންގެ މިހާރުގެވެސް ރައީސް ބައްސާމް ޢަދީލް ޖަލީލް އިންތިޚާބްކޮށްފިކަމަށް މިވަނީ ޢިއުލާންކުރައްވާފައެވެ.

އެއްވެސް މީޑިޔާއަކަށް ދައުވަތު ނުދީ މިއަދު ހަވީރު އެފްއޭމް ހައުސްގައި ބޭއްވި އިންތިޚާބީ ކޮންގްރެސްގައި ވަނީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީ އިންތިޚާބްކޮށްފައެވެ. އެގްޒެކެޓިވް ކޮމިޓީ އިންތިޚާބްކޮށްފައިވަނީ އަސާސީ ޤަވާޢިދަށް ބަދަލު ގެނެސްގެންނެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ޙާލަތެއްގައި ވޯޓަކާ ނުލައި ބައްސާމާއި، އޭނާގެ ޓީމް އިންތިޚާބް ކޮށްފައިވަނީ ކޮންގްރެސްގައި ބައިވެރިވެރިވި 12 ކުލަބުގެ އެއްވެސް އިއުތިރާޒެއް ނެތުމުންނެވެ.

ކޮންގްރެސްގައި ބައިވެރިވި ކްލަބްތައް

މާޒިޔާ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓް، ކްލަބް އީގަލްސް، ޔުނައިޓެޑް ވިކްޓްރީ، ޓީސީ ސްޕޯޓްސް ކްލަބް، ޕީކޭ، ދަ ގްރާންޑޭ، މަހިބަދޫ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ޖޭޖޭ ސްޕޯޓްސް ކްލަބް، ރެޑްލައިން ސްޕޯޓްސް އަދި ކުޑަހެންވޭރު ޔުނައިޓެޑް

އިންތިޚާބް ކުރިއަށް ދިޔަގޮތް

އެފްއޭއެމްއިން މިއަދު ކުއްލިއަކަށް މިބޭއްވި އިންތިޚާބަކީ ރާއްޖޭގެ އެއްވެސް މީޑިއާއަކަށް ދަޢުވަތު ދިނުމެއްނެތި ބޭއްވި އިންތިޚާބެކެވެ. އަދި އިންތިޚާބު މިއަދު ބާއްވާނެކަމުގެ އެއްވެސް އިޝާރާތެއްވެސް އެފްއޭއެމްއިން ފާއިތުވީ ދުވަސްތަކުގައި ކޮށްފައެއްނުވެއެވެ.

ކޯވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދުކުރުމުގެކުރިން އިންތިޚާބްގެ ކަންކަން ކުރިއަށް ގެންދާކަން އެފްއޭއެމްއިންވަނީ ހާމަކުރައްވާފައެވެ. އޭރު ތާވަލުކުރީ މާޗު 20 ވަނަ ދުވަހު އިންތިޚާބް ބޭއްވުމަށެވެ. ނަމަވެސް ކޯވިޑް-19އާއެކު އިންތިޚާބު ނުބޭއްވި އެއަޑުތައް މަޑުވުމަށްފަހު ކުއްލިގޮތަކަށް މިއަދު އިންތިޚާބް ބާއްވާފައިވަނީ އެފްއޭއެމްއިން އެފަދަ އެއްވެސް އިޝާރާތެއް ކުރުމަކާނުލައެވެ.

ޔޫތް މިނިސްޓްރީއާއި ސްޕޯޓްސް ކޮމިޝަނަރގެ ދައުރު

ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްއާއި ކުޅިވަރުގެ ކްލަބް ޖަމްޢިއްޔާތައް ކުރިއަރުވައި، ޒަމާނީ ފެންވަރުގައި ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު މަޖިލީހާއި މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ޤާއިމުކޮށް ރެގިއުލޭޓްކޮށް، ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ފެޑެރޭޝަންތައް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ލިބިދޭ ބާރުތައް ބަޔާންކޮށް ކުޅިވަރު ޤާނޫނެއް ވަނީ ވުޖޫދުކުރެވިފައެވެ.

މި ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ޙަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމްޢިއްޔާތަކާއި އެތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މަޢުލޫމާތާއެކު ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ އުސޫލުން ޢަމަލުނުކުރާ ފަރާތްތަކާމެދު މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދުގައިވާގޮތުގެމަތީން ފިޔަވަޅު އެޅާނީ ކަމިޝަނަރ އޮފް ސްޕޯޓްސްކަމަށް ބުނެފައިވެއެވެ.

އަދި ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ޙަރަކާތްތެރިވާ ކްލަބް ޖަމްޢިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓަރީ ކުރުމާއި އެފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން އެފަރާތްތައް ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން ޢަމަލުނުކުރާ ފަރާތްތަކާމެދު ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރުވެސް ކަމިޝަނަރ އޮފް ސްޕޯޓްސްއަށް މިޤާނުނުގެ ދަށުން ލިބިގެންވެއެވެ.

ޤާނޫނުގައި މިގޮތަށް އޮތްނަމަވެސް އެފްއޭއެމްގެ އިންތިޚާބް ނުބޭއްވުމަށް އެއްވެސް ލަފައެއް އަދި އެންގުމެއްވެސް ކޮމިޝަނާގެ ފަރާތުން އެފްއޭއެމްއަށް އަންގާފައިނުވެއެވެ. ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ އިންތިޚާބް ނުބޭއްވުމަށް އެފްއޭއެމްއަށް މިއަދު ސިޓީއަކުން އަންގަވާފައެވެ. ނަމަވެސް އެފްއޭއެމްއިން ވަނީ މިކަމަށް މާބޮޑު ސަމާލުކަމެއްނުދެއްވައި އިންތިޚާބު މިއަދު ބާއްވައި މަޤާމުތަކަށް ބޭފުޅުން އިންތިޚާބް ކޮށްފައިވާކަމަށް އިޢުލާންކުރައްވާފައެވެ.

އެފްއޭއެމްގެ އިންތިޚާބާއެކު ބޮޑު ކޯޅުމަކަށް

ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑު ތަރުހީބެއްދޭ ރައްޔިތުންގެ ލެޔާއި ގުޅިފަައިވާ ކުޅިވަރަކީ ފުޓުބޯޅައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފުޓުބޯޅައިގެ ކަންކަން ދާގޮތުންނާއި، ކުޅިވަރުގެ ކަންކަން ހިންގަންތިއްބަވާ ބޭފުޅުންގެމެދުގައި ސިޔާސީ މަސްލަހަތުބޮޑުވެ ކުޅިވަރުގެ ތެރެއަށް ވަރަށްބޮޑަށް ވަނީ ސިޔާސީ ނުފޫޒުވަދެފައިކަމަށް ކުޅިވަރުގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޚާއްސަކޮށް އެފްއޭއެމްގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި އެފްއޭއެމްގެ ބައިވެރިވުން ފުޅާކޮށް ބޮޑުކޮށް ފެންނަމުންދިޔަކަމުގެ އެތައް ތުހުމަތަކާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވނީ އަމާޒުވެފައެވެ.

އެފްއޭއެމްގެ އިންތިޚާބް ފަސްކޮށްދީ، މިއަދު އިންތިޚާބް ނުވޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި ކުޅިވަރާއިބެހޭ ރާއްޖޭގެ މައި އިދާރާ ޔޫތު މިނިސްޓްރީންވެސް އަންގާފައިވަނިކޮށް އެފްއޭއެމްއިން މިވަނީ އިންތިޚާބް ބައްވާފައެވެ. އަދި މިއަދުގެ އިންތިޚާބްގެ ކަންކަން ދިޔަ ގޮތާއިމެދު އެތައް ސުވާލުތަކެއް އުފެދިފައިވާ މިދަނޑިވަޅުގައި، ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ހުރަސްތަކެއް ކުރިމަތިވެގެން ދާނެކަމަށް ކުޅިވަރު ދިރާސާކުރައްވާ ބައެއް ފަރާތްތަކުން ދެކެއެވެ.