ޚަބަރު

ހަމީދުގެ މޫނުފުޅު ދެއްކުން މިއަދު މެންދުރު އިސްލާމީ މަރުކަޒުގައި


ދަައުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ ހ. މީނާޒް އަލްއުސްތާޛް އަބްދުﷲ ހަމީދުގެ މޫނުފުޅޫ ދެއްކުން މިއަދު މެންދުރު 14:30 އިން އިރު އޮއްސި 7:00 އަށް އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.މަރުޙޫމް އަބްދުﷲ ހަމީދުގެ ހަށިކޮޅު މާލޭ ގެނެސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމަނިކުފާނުގެ ހަށިކޮޅު މިއަދު މާލެގެނެސް މޫނުފުޅު ދެއްކުމަށްފަހު ރަސްމީ އިއްޒަތުގައި ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާނަމާދަށްފަހުގައި ކަމަށެވެ. ކަށުނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައއެވެ.އަލްމަރުހޫމް އަލްއުސްތާޛު އަބުދުﷲ ޙަމީދު ފަސްދާނުލެއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ސަހަރާގައި، އެމަރުހޫމްގެ ބައްޕާފުޅުގެ މަހާނަފުޅު ހުންނެވި ސަރަޙައްދުގައި ކަމަށް ސަރުކާރުން މައުލޫމާތުދެއްވައެވެ.އަލްމަރުޙޫމް އަބްދުﷲ ހަމީދުގެ ބޭބޭފުޅު އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމްވެސް މިއަދު ވަނީ މާލެ ވަޑައިގަންނަވާފައެވެ.އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު އަވަހާރަވީ މީގެ ތިން ދުވަސްކުރިން ހާޓް އެޓޭކެއް ޖެހިވަޑައިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަންގާރަދުވަހުގެ މެންދުރު ފަހުގެ  ވަގުތެއްގައެވެ. މައިނަރ ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ބެންގަލޫރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދަކީ ސަރުކާރުގެ އިސް ގިނަ މަގާމްތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ރައީސް މައުމޫންގެ ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގައިވެސް މުހިއްމު މަގާމްތަކެއް އަބްދުﷲ ހަމީދް ފުރުއްވާފައިވެއެވެ.އެމަނިކުފާނު އަވަހާރަވުމުގެހިތާމައިގައި، މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 3 ދުވަސްވަންދެން ދިވެހިޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲޔާމީން ޢަބްދުލްޤައްޔޫމްވަނީ ހަމަޖައްސަވާފައެވެ.