ރާއްޖޭގައި ދެމުންދާ މުވާސަލާތީ ޚިދުމަތަކީ ކޮންމެ މީހަކަށް ލިބެން ޖެހޭ އަސާސީ ޙައްގެއްގެ ގޮތުގައި ޤާނޫނަކުން ކަނޑައެޅިއްޖެނަމަ އިންޓަނެޓާއި މުވާސަލާތީ އެހެނިހެން ޚިދުމަތްތަކުގެ އަގު ސަރުކާރަށް ކޮންޓްރޯލްކުރަން ފަސޭހަވާނެ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހް ވަނީ މުވާސަލަތީ ޚިދުމަތްތަކުގެ އަގު ކުޑަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރިކަން ފާހަގަ ކުރައްވާފައެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް "ރަނުން ރަނަށް" ކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެވަޑައިގެންނެވި ވައުދާ އެއްގޮތައް އިންޓަނެޓް އަގު ހެޔޮވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ މެމްބަރުންނަށް ދެއްވާފައެވެ. އެހެން ނަމަވެސް އަދިވެސް ކުރަން ޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި މުވާސަލާތީ ޚިދުމަތްދޭ ފަރާތްތައް ރެގިއުލޭޓްކުރަން ގާނޫނުން މަތިކޮށްފައިވާ ކޮމިނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް(ކޭމް) އަށް އެކަށީގެންވާ ބަޖެޓެއް ދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ކޮމިއުނިކޭޝަން އޮތޯރިޓީއަށް ބޭނުންވާ އިކުއިޕްމަންޓްތަކާއި އިންޑިޕެންޑެންޓް އޮޑިޓްތަކެއް ހެދެން އެބަޖެހޭ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކުރާ އުސޫލުން. އެއީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ ސިގްނަލް ސްޓްރެންތް އެކަށީގެންވާ ގޮތެއްގައި އެބަހުރިތޯ، ޑޭޓާގެ ސްޕީޑް އެކަށީގެންވާ ގޮތެއްގައި އެބަހުރިތޯ، އެއިން އެއްވެސް އިކުއިޕްމަންޓެއް ފޯރުކޮށްދީފައެއްނުވޭ ފާއިތުވި ވަރަށް ގިނަ ޒަމާންތަކެއްވަންދެންވެސް. އެހެންވީމަ ރެގިއުލޭޓަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި،" މިނިސްޓަރ ވިދާޅުވިއެވެ.
މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތައް ރެގިއުލޭޓްކޮށް ކޮމިއުނިކޭޝަން އޮތޯރިޓީން މީހުން ތަމްރީންކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ދޫކުރަން ޖެހޭ ބަޖެޓް ދޫކުރުމުގައި މަޑު ޖެހުމެއް އައީ މިއަހަރު ދިމާވި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.