ޚަބަރު

ރާއްޖޭގެ ކަނޑުގައި ތެޔޮ ހުރިކަމުގެ އިތުރު ނިޝާންތަކެއް ފެނިއްޖެ


ރާއްޖޭގެ
ކަނޑުގައި ތެޔޮ ނުވަތަ ގޭސް ހުރިކަމުގެ އިތުރު ނިޝާންތަކެއް ފެނިއްޖެ ކަމަށް
ފިޝަރީޒް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.



މިނިސްޓަރ
ޝައިނީ މިހެން ވިދާޅުވީ މިދިޔަ
އަހަރު ފަހުކޮޅު ރާއްޖެއައި ޖަރުމަނުގެ "ސޮންނޭ" ނަމަކަށް ކިޔާ ބޯޓުން
ކޮށްފައިވާ ދިރާސާގެ ހޯދުންތަކާއި ގުޅޭގޮތުން މައުލޫމާތުދިނުމަށްޓަކައި މިއަދު
ވެލާނާ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައެވެ.   



ޖަރުމަނުގެ "ސޮންނޭ" ބޯޓުންކުރި
ދިރާސާގައި ބައިވެރިވި އިސް ދެ ސައިންޓިސްޓުންނާއިއެކު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރ ޝައިނީ ވިދާޅުވީ ރާއްޖޭގެ ކަނޑުގައި ތެޔޮ
ނުވަތަ ގޭސް ހުރިކަމުގެ އިތުރު ދެ ނިޝާނެއް ފެނިފައިވާ ކަމަށެވެ.



އެގޮތުން މާލެ އަތޮޅުގެ
ސަރަހައްދަކުންނާއި ތ.އަތޮޅުގެ ސަރަހައްދަކުން، ފިނީގަ އުފެދޭ މުރަކަ
ފެނިފައިވާކަމަށާއި، މިއީ ތެޔޮ ނުވަތަ
ގޭސް ހުރިކަމުގެ ނިޝާނެއްކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ. އަދި ރާއްޖޭގެ
ކަނޑުގެ ބޭރު ފަށަލައާއި ގުޅޭގޮތުން ހެދި ދިރާސާއަކުން ރާއްޖެއަށް އޮންނަނީ ކުރިން ހީކުރެވިފައިވާގޮތާއި ޚިލާފަށް އޯޝެނިކް ކްރަސްޓެއްގައިނޫން ކަމަށާއި ރާއްޖެ އޮންނަނީ ޓްރާންޒިޝަނަލް
ކްރަސްޓެއްގައިކަން އެނގިފައިވާކަމަށާއި މިކަމަކީވެސް ރާއްޖޭގެ ކަނޑުގައި ތެޔޮ ހުރިކަމަށް ބާރުދޭ ފަދަ ނިޝާނެއްކަމަށް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.



އެ ދިރާސާގައި ބައިވެރިވި އިސް
ސައިންޓިސްޓެއް ކަމަށްވާ ކްރިސްޓިއަން ބެޓްސްލަރ ވިދާޅުވީ މުރަކަތައް ފެނިފައިވަނީ
ކަނޑުގެ ވަރަށް އަޑިން ކަމަށެވެ. މިހާރު މި ސައިންޓިސްޓުންދަނީ
ރާއްޖޭގައި އިތުރު ޖިއޮލޮޖިކަލް ސަރވޭއެއް ކުރުމަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ ކަނޑުގެ އަޑީގެ ހަތް ތަނަކުން
ތޮރުފައިގެން ކުރިއަށްގެންދާ މިސަރވޭ މެދުވެރިކޮށްވެސް ރާއްޖޭގެ ކަނޑުގައި ތެޔޮ
ހުރިކަމާއި ގުޅޭ މަޢުލޫމާތުތައް ލިބިގެންދާނެކަމަށްވެސް ޝައިނީ ވިދާޅުވިއެވެ.



އަދި މިކަމަކީ ތިމާވެއްޓަށް އޭގެ
ސަބަބުން އެއްވެސް ވަރަކަށް ގެއްލުން ލިބޭނެ ކަމެއް ނޫންކަމަށްވެސް ޝައިނީ
ވިދާޅުވިއެވެ. ރާއްޖޭގައި ތެޔޮ ނުވަތަ ގޭސް ހުރިތޯ ބެލުމަށްޓަކައި
ދިރާސާކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އިނގިރޭސިވިލާތުގެ
ކުންފުންޏެއްކަމަށްވާ ޒެބްރާ ޑާޓާ ސައިންސަސްއިން މިހާރު ވަނީ އެބޭފުޅުންގެ ދިރާސާގެ
މަސައްކަތް ކުރިއަށްގެންދާނެގޮތުގެ ޑްރާފްޓް އެގްރިމެންޓެއް ސަރުކާރަށް
ހުށަހަޅާފައެވެ. އަދި ޝައުގުވެރިކަން ފާޅުކޮށްފައިވާ ދެވަނަ ފަރާތްކަމުގައިވާ ނޯވޭގެ
ކުންފުނިން އެކުންފުނީގެ ދިރާސާ ކުރިއަށްގެންދާނެގޮތާއިގުޅޭ އެގްރިމެންޓް
ސަރުކާރަށް ހުށަހެޅުމަށްޓަކައި އަންނަ މަހުގެ 9ވަނަ ދުވަހު ރާއްޖެއަށް އައުމަށް
ހަމަޖެހިފައިވާކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.