ޚަބަރު

ނުވަ އަހަރަށްފަހު މާވަރުލު އެއަރޕޯޓް މަޝްރޫއު ނިންމާލައިފި


ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މާވަރުލު އެއަރޕޯޓް މަޝްރޫޢުގެ ހުރިހާ މަަސައްކަތެއް ނިންމާލައިފިއެވެ.

މާވަރުލު އެއަރޕޯޓް މަޝްރޫޢުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީއާއި މާވަރުލު އެއަރޕޯޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2018ވަނަ އަަހަރުގެ މަރޗްމަހުގެ 15ވަނަ ދުވަހުއެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ނިންމާފައިވަނީ އެއަރޕޯޓްގެ ރަންވޭއާއި، ޓެކްސީވޭއާއި ފްލައިޓް ޕާކިން އޭރިއާ(އެޕްރަން)ގެ މަސައްކަތެވެ.

މާވަރުލު އެއަރޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރި އެއަރޕޯޓެކެވެ. އެއަރޕޯޓްގެ ރަންވޭއަކީ 1200މީޓަރު ދިގު، 30މީޓަރު ފުޅާ ރަންވޭއެވެ.

މާވަރުލު އެއަރޕޯޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީން ނިންމާފައިވަނީ 2019ވަނަ އަހަރުގެ ޖުލައި 31ވަނަ ދުވަހުއެވެ. މި ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ސަރުކާރުންވަނީ 57.04 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

މާވަރުލު އެއަރޕޯޓް މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންގޮސްފައިވަނީ ޕެސެންޖަރ ޓަރމިނަލް އިމާރާތާއި، ފަޔަރ ބިލްޑިންގްއާއި، ސްޓާފް ކުއަރޓަރއާއި ޕަވަރހައުސް، ގަރޑް ޕޯސްޓް އަދި ރެސްޓޯރަންޓެއްގެ މަސައްކަތެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 25ޖުލައި 2019ގައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމަލާފައިވަނީ ނިމުނު ޖުލައި މަހު 30ވަނަ ދުވަހުއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތްތަކަށް 12.1 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގދ.މާވަރުލު އެއަރޕޯޓް މަޝްރޫޢަކީ އެސަރަޙައްދުގެ ރަށްތަކުގެ އުންމީދާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތަކީ 2011 ވަނަ އަހަރުވެސް ފެށި މަސައްކަތެކެވެ. މަސައްކަތްކުރުމަށް ކުންފުންޏަކާއި ހަވާލުކުރުމަށްފަހު އެއެއްބަސްވުން ފަހުންވަނީ އުވާލާފައެވެ.

މާވަރުލު އެއަރޕޯޓްގެ މަސައްކަތް ދިގުމުއްދަތަކަށް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށީ 2018ވަނަ އަހަރުއެވެ. މާވަރުލު އެއަރޕޯޓަށް ޝެޑިއުލް ދަތުރުތަށް ފެށުމަށް މިހާރުވަނީ ތައްޔާރުވެފައެވެ. މި އެއަރޕޯޓް ހިންގާނީ ރީޖަނަލް އެއަރޕޯޓްސްއިންނެވެ.