ކުޅިވަރު

ކުޅިވަރުކުޅޭ ތަންތަން ހުޅުވާލައި، ޢަމަލުކުރަންވީ އާންމު އުސޫލު ޢިއުލާންކޮށްފި


ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކުޅިވަރުކުޅޭ ތަންތަން ބަންދުކޮށްފައި އޮތްއޮތުން ނިނުމަކަށްގެނެސް، އައު އާންމު ހާލަތުގެ ފަށުން ކުޅިވަރުކުޅޭ ތަންތަން ހުޅުވާލުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވުމާއިއެކު، ކުޅިވަރުކުޅޭ ތަންތަން ހުޅުވާލައި، ކުޅިވަރު ކުޅުމުގައި ‎ޢަމަލުކުރަންވީ އުސޫލުތަށް ޔޫތް މިނިސްޓްރީއިން ޢިއުލާންކޮށްފިއެވެ.

ކުޅިވަރު ކުޅުމުގައި ޢަމަލުކުރަންވީ އުސޫލުތަށް އާންމު ކުރަމުން ޔޫތް މިނިސްޓްރީއިން ނެރުނު ޢިއުލާނުގައި ބުނެފައިވަނީ، އައު އާންމު އުސޫލުގެ ދަށުން ކުޅިވަރުކުޅޭ ތަންތަން ހުޅުވާލުމަށް އެޗްޕީއޭއިން ހުއްދަ ދިނުމާއި ގުޅިގެން، ކުޅިވަރު ކުޅޭ ތަންތަން ހުޅުވިފައި ހުންނާނެ ކަމަށާއި، އަދި ކުޅިވަރު ކުޅުމުގައި ޢަމަލު ކުރުމަށް، ޔޫތް މިނިސްޓްރީ އާއި އެޗްޕީއޭއާއި ގުޅިގެން އެކުލަވާލާފައިވާ އާންމު އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރަން ދަންނަވާކަމަށެވެ.

އަދި މިހާލަތުގައި ކުޅިވަރުކުޅޭ ތަންތަން ހުޅުވާލެވިފައިވީނަމަވެސް، ކޯވިޑް-19ގެ ހާލަތަށް ބަލައި ކޮންމެ ވަގުތެއްގައިވެސް ކުޅިވަރުކުޅޭ ތަންތަން ބަންދުކުރަން ޖެހިދާނެކަމަށްވެސް ޔޫތް މިނިސްޓްރީއިން އާންމުކުރި ޢިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

ކުޅިވަރު ކުޅުމުގައި ޢަމަލުކުރަންވީ ޢާންމު އުސޫލުގައި ބަޔާންކޮށްފައިވާ ކަންތައްތައް!

* އެ ކުޅިވަރެއް ކުޅޭ ތަނެއްގައި، އެއްފަހަރާ ކުޅެވޭނީ ގިނަވެގެން 30 މީހުންނަށް.
* ކުޅޭއިރު މާސްކް ނޭޅުން.
* ކޮވިޑް19 ގެ އަލާމާތެއް (ކެއްސާ ކިނބިހިއެޅުން، ހުންއައުންފަދަ) ހުރި ނަމަ ކުޅިވަރު ކުޅުމުގައި ބައިވެރިނުވުން.
* ކުޅުންތެރިން ގެންނަ ދަބަސް ފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުން.
* އެއް ކުޅުންތެރިޔަކު ބޭނުންކުރާ ބިބްސް ފަދަ ތަކެތި އަނެއް ކުޅުންތެރިޔަކު ބޭނުން ނުކުރުން.
* ގެއިން ނުކުތުމުގެ ކުރިންނާއި ކުޅެ ނިންމުމަށްފަހުގައި މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތް ދޮވުން، ނުވަތަ ސެނިޓައިސާ ބޭނުންކޮށްގެން އަތް ސާފުކުރުން.
* އެކި ތަންތަނުގައި އަތް ލުމަށްފަހު، ނޭފަތާއި އަނގަޔާ ލޮލުގައި އަތް ނުލުން.
* ކުޅެ ނިމުމުން ގެއަށް ގޮސް އަތް ދޮވުމާއި، ޖާޒީ ބަދަލުކޮށް އެއްޗެތި ދޮވެގެން ނޫނީ އަލުން ބޭނުން ނުކުރުން.
* އަމިއްލަ ފެންފުޅި ބޭނުންކުރުން.
* ސާފު ތާހިރުކަމަށް އިސްކަން ދިނުމާއި، ކޮންމެ ކުޅުންތެރިޔަކު ވެސް ސެނިޓައިޒާ ގެންގުޅުން
* ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭ ގެ އެންގުންތަކާއި އާންމު ކުރަމުންދާ އުސޫލުތަކާއި އެއްގޮތަށް ޢަމަލުތަށް ބެހެއްޓުން.