ވިޔަފާރި

އެއަރޕޯޓަށް މީހުން ފުރުވުމަށް އެކަކު ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފި


އެއަރޕޯޓަށް މީހުން ބަލާދިއުމަށާއި، ފުރުވަންދިއުމުގައި ގިނަ މީހުން ނުގޮސް އެކަކު ދިއުމަށް މޯލްޑިވްސް އެއަރޕޯޓު ކޮންޕެނީ ލިމިޑަޓް، އެމްއޭސީއެލްއިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލްއިން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާންމު އޮޕަރޭޝަންތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން ފެށުމާއި ގުޅިގެނެވެ. ރާއްޖޭގެ އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމުގެ އިތުރުން ބައިނަލްއަޤްވާމީ ދަތުރުތައްވެސް މިދިޔަ ދުވަސްތަކުގައި އޮތީ ހުއްޓާލާފައެވެ. އަދި ކޯވިޑް-19 ހާލަތު ކޮންޓްރޯލްކުރެވިފައިވާ މިންވަރަށް ބަލާ ދީފައިވާ ލުއިތަކުގެ ތެރެއިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޝެޑިއުލް ދަތުރުތައް އިއްޔެ ވަނީ އަލުން ފަށާފައެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ބުނީ އެއަރޕޯޓަށް މީހުން ފުރުވާށާއި ބަލާ ގިނަ ބައެއް ނުގޮސް އެކަކު ދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ބޭނުމެއްނެތި އެއަރޕޯޓަށް ކުރާ ދަތުރުތައް މަދުކުރުމަށްވެސް އެދިފައެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތައް މިހާރު ފަށާފައިވާއިރު، މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާ ބައިނަލްއަޤްވަމީ ދަތުރުތައް ފެށުމަށްވެސް ދަނީ ތައްޔާރީތައް ވަމުންނެވެ.

އެއަރޕޯޓު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއޭސީއެލްއިން ވަނީ ގިނަ ތައްޔާރީތަކެއް ވެފައެވެ. ނިއު ނޯމަލްގައި އޮޕަރޭޝަންތައް ފަށާފައިވާއިރު އެއަރޕޯޓު ސްޓާފުންނާއި، ފުރާ އަދި އަންނަ ފަސިންޖަރުންގެ ހުން ބެލުމާއި، ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް އެމްއޭސީއެލްއިން ދަނީ އަޅަމުންނެވެ. އެގޮތުން އެއަރޕޯޓުގެ ޑިޕާޗަރ އަދި އެރައިވަލް ޓާމިނަލާއި އާންމު ތަންތާގައި ގައިދުރުކަން ދެމެހެއްޓުމަށް ހަނދާންކޮށްދޭ ނިޝާންތައް އެކި ތަންތާނގައި ވަނީ ހަރުކުރެވިފައެވެ.

ވައިރަސް ފެތުުރުން ކޮންޓްރޯލްކުރުމަށް އެޅިފައިވާ ފިޔަވަޅުތަކެއްގެ ގޮތުން ކައުންޓަރުގައި ތިބޭ ސްޓާފުންނާއި ފަސިންޖަރުންނާއި ދެމެދު ބިއްލޫރި ޕާޓީޝަންވެސް ވަނީ ޖަހާފައެވެ. މީގެއިތުރުން އެއަރޕޯޓުގެ އާންމު ތަންތަނާއި، ގޮނޑި، މޭޒު، ބިންމަތި އަދި އެހެން ތަންތަންވެސް ޑިސްއިންފެކްޓްކުރުމުގެ ކަންތައްތައް އާންމުކޮށް ކުރާާނެއެވެ.