ވިޔަފާރި

ޓީ.އެމް.އޭގެ ފްލައިޓްތަކުގައި ވިޒިޓްމޯލްޑިވްސް އިޔަރގެ ލޯގޯޖެހުން


ޓްރާންސް މޯލްޑިވިއަން އެއާވޭސް ޓީ.އެމް.އޭގެ ފްލައިޓްތަކުގައި ވިޒިޓްމޯލްޑިވްސް އިޔަރގެ ލޯގޯޖެހުން އިފްތިތާހްކޮށްފިއެވެ. ޓީއެމްއޭގެ ސީޕްލޭން ޓަރމިނަލް ސީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވިޒިޓްމޯލްޑިވްސް އިޔަރގެ ލޯގޯޖެހި ފުރަތަމަ ޓީއެމްއޭގެ ފްލައިޓުން ލޯގޯ އިފްތިތާހްކޮށްދެއްވީ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޒިޔަތު ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ޓީއެމްއޭ މެދުވެރިކޮށް ދަތުރުކުރާކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ޓީއެމްއޭގެ ފްލައިޓްތަކުގައި ދަތުރުކޮށްފައިވާކަމަށް ޒިޔަތު ވިދާޅުވިއެވެ. އެހެންކަމުން ގިނަ ބަޔަކަށް މި ލޯގޯ ފެނުމުގެ ފުރުސަތުއޮތްކަން ޒިއަތު ފާހަގަ ކުރެއްވިއެވެ. ވިޒިޓްމޯލްޑިވްސް އިޔަރގެ ގޮތުގައި ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ދެހާސް ސޯޅަވަނަ އަހަރެވެ. މިކަން ފާހަގަކުރުމުގެގޮތުން މިއަހަރުން ފެށިގެން ގިނަ ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.