ޚަބަރު

މެންބަރު ޝިޔާމަށް އަނިޔާ ލިބުނު މައްސަލަ އައިޕީޔޫ އިން ބަލަން ނިންމައިފި


ޤާނޫނު އަސާސީއަށް އީޞްލާޙު ގެނައުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިންގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު މަޖިލީހުގެ ތަޅުމުން ބޭރުކުރި މައްސަލަ އިންޓަރ ޕާލިމަންޓްރީ ގްރޫޕް (އައިޕީޔޫ)އިން ބަލަން ނިންމައިފިއެވެ.

މިދިޔަ މެއި މަހުގެ ފުރަތަމަ ދުވަހުގެރޭ ދަންވަރު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި މެންބަރުންގެމދުގައި ހިނގައިދިޔް ކުރިމަތިލުންތަކުގައި ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ މައްސަލަ ޝިޔާމްވަނީ ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކާބެހޭ ޖަމްޢިއްޔާ އައިޕީޔޫއަށް ހުށަހަޅުއްވާފައެވެ.

ޝިޔާމް ހުށަހެޅުއްވި މި މައްސަލައާ ގުޅިގެން އައިޕީޔޫގެ ރައީސްވަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާކަން ޝިޔާމަށް އަންގަވާފައެވެ. އެކަން އައިޕީޔޫގެ ހިއުމަން ރައިޓްސް އޮފް ޕާލިމެންޓޭރިއަންސް ކޮމިޓީން ބަލަމުންދާކަމަށް އައިޕީޔޫއިން ވަނީ ހާމަކޮށްފައެވެ. އައިޕީޔޫގެ ރައީސް ސޮއިކުރައްވާ މެންބަރު ޝިޔާމަށް ފޮނުއްވިސިޓީގައި ވިދާޅުވެފައިވަނީ ޤަނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި، މެންބަރުންގެ ނަޒާހަތްތެރިކަމާގުޅޭ ކަންކަމަކީ އެޖަމްޢިއްޔާއިން ވަރަށް އިސްކަންދޭ ދާއިރާތަކެއްކަމަށާ، ޝިޔާމްގެ މައްސަލައަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ބަލަމުން ގެންދާނެކަމަށެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަމަނުޖެހުން ހިނގީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރަން ފެއްޓެވުމުން އޭނާގެ ނަން އިއްވައި މަޖިލީހުން ނުކުތުމަށް އެންގެވުމުން އޭނާ ޖަލްސާ ކުރާ މާލަމުން ނެރުމުގެ ތެރޭގައެވެ. އެހަމަނުޖެހުންތަކުގައި މެންބަރު ޝިޔާމާއި، އެހެން ބައެއް މެމްބަރުންނަށްވެސް އަނިޔާވެފައި ވެއެވެ.