ވިޔަފާރި

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދެނީ


މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާގުޅޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ޝާޢިއުކުރެވިފައިވާ 'ގައިޑްލައިން ފޮރ ރީ-ސްޓާރޓިން ޓޫރިޒަމް އިން މޯލްޑިވްސް' ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައިގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނެއެވެ.

އެހެންކަމުން މި ގައިޑްލައިންއާއި އެޗް.ޕީ.އޭގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީން ހުއްދަ ދޫކުރާ ފަރާތްތަކުން، ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހު އޮޕަރޭޝަންގައި ކުރުމަށް، ގައިޑްލައިންގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާޒްކުރެއެވެ.

ރާއްޖޭގެ ބޯޑަރު މި މަހުގެ 15 ވަނަ ދުވަހު ބައިނަލްއަޤްވާމީ ދަތުރުތަކަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ރާއްޖޭގެ ރިސޯޓްތައް ހުޅުވާލާނެއެވެ. އެހެން ނަމަވެސް ގެސްޓްހައުސްތައް ހުޅުވާލުމަށް ހުއްދަދިނުމަށް ހަމަޖެހިފައިވަނީ އޮގަސްޓުމަހުގެ ތެރޭގައެވެ.