ވިޔަފާރި

ގަން އެއަރޕޯޓަށް ބައިނަލްއަޤްވާމީ ފްލައިޓުތައް ބާއްވާ ފަރާތްތަކަށް ކަނެކްޓިންގ ފްލައިޓުތައް


ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވަން ބޭނުންވާ އެއަރލައިންތަކަށް ކަނެކްޓިންގ ފްލައިޓުތައް ރާއްޖޭގެ އެހެން ހިސާބުތަކަށް ބާއްވައިދޭނެ ކަމަށް މޯލްޑިވިއަނުން އެހީތެރިވާނެކަމަށް އެއަރލައިނުން ހާމަކޮށްފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން "ދަ ރޯލް އޮފް އެއަރލައިންސް އެންޑް އޭވިއޭޝަން އިން ދަ ނިއު ރިއަލިޓީ އެންޑް އިން ރި-ސްޓާޓިންގ ޓޫރިޒަމް'ގެ ނަމުގައި ބޭއްވި ވެބިނަރގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފަރ ވިދާޅުވީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޭރު ޤައުމުންތަކުން ދަތުރުކުރާ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، އެ އެއަރޕޯޓަށް ބައިނަލްއަޤްވާމީ ދަތުރުތައް ބާއްވާ އެއަރލައިންތަކަށް ކަނެކްޓިންގ ފްލައިޓުތައް މޯލްޑިވިއަނުން ބާއްވާދޭނެ ކަމަށެވެ.

" ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ފްލައިޓުތަކުން އަންނަ ފަރާތްތަކަށް ހުވަދު އަތޮޅަށް ދިޔުމަށް މޯލްޑިވިއަނުން އެހީތެރިވެދޭނެ، މިހާރުވެސް މޯލްޑިވިއަނުން ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ކުޅުދުއްފުއްޓަށް ދަތުރުތައް ބޭއްވުމަށް ނިންމާ އެކަން އިޢުލާންކޮށްފައި،" ޖެނިފަރ ވިދާޅުވިއެވެ.

ކުޅުދުއްފުށްޓާއި އައްޑޫއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް މޯލްޑިވިއަނުން ވަނީ ޝެޑިއުލްކޮށްފައެވެ. މި ދަތުރުގެ ޓިކެޓްގެ އަގަކީ ކޮޅަކަށް 1444 ރުފިޔާއެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހަފްތާގެ ބުރާސްފަތި ދުވަހު ކުޅުދުއްފުށި ސިޓީން އައްޑޫ ސިޓީ ގަމަށް، އަދި ހޮނިހިރު ދުވަހު އައްޑޫސިޓީ ގަމުން ކުޅުދުއްފުށި ސިޓީއަށްކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

ކޯވިޑް19އާ ގުޅިގެން އެތެރޭގެ އުދުހުންތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށާފައިވާއިރު، އެތެރޭގެ އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށްވެސް ދަތުރުތައްވަނީ ޝެޑިއުލްކޮށްފައިވެއެވެ. އެގޮތުން ދަރަވަންދޫން ހަނިމާދޫއަށް، ތިމަރަފުށިން ކައްދުއަށްވެސް ވަނީ މޯލްޑިވިއަންގެ ދަތުރުތައް ޝެޑިއުލްކޮށްފައެވެ.