ޚަބަރު

އަލިފާނުގެ ހާދިސާގައި ނިޔާވި ޝައުނާގެ ފޯނުގެ މުއާމާލާތްތައް ބަލަން އަމުރު ނުދިން ގޮތް ރަނގަޅު: ހައިކޯޓް


މިދިޔަ އަހަރު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ނިޔާވި ޢައިޝަތު ޝައުނާ ނިޔާވުމުގެ ކުރިން ގެންގުޅުނުކަމަށް ބުނާ މޯބައިލް ފޯނުން ކޮށްފައިވާ ޒާތީ މުޢާމަލާތްތައް ބެލުމުގެ އަމުރު ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.

މިދިޔަ އަހަރުގެ ހ.ފެހިއާބާދުގެ ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އިތުރު ގެތަކާއި ގުދަންތަކެއް ބޭނުން ނުކުރެވޭވަރަށް އަނދައިދިޔަ ހާދިސާގައި ޝައުނާ ނިޔާވިއިރު އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ އަނދައިގެންގޮސްފައެވެ.

ޝައުނާ މަރުވުމުގެ ކުރިން ގެންގުޅުނު ކަމަށްބުނާ ފޯނު ނަމްބަރުން ކޮށްފައިވާ ކޯލުތަކާއި، މެސެޖްތަކުގެ ކޮންޓެންޓްތަކާއި ތަފްޞީލުތަކާއި، ރިސީވްވެފައިވާ ކޯލުތަކާއި މެސެޖްތަކުގެ ކޮންޓެންޓްތަކާއި ތަފްޞީލުތަކާއި، ސެލް ލޮކޭޝަންތަކާއި އަދި ސިމްގެ ވެރިފަރާތުގެ މަޢުލޫމާތު ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ފުލުހުންނަށް ދިނުމުގެ އަމުރަކަށް ފުލުހުން އެދުނީ އެ މައްސަލައިގެ ތަހްގީގަށެވެ.

ކްރިމިނަލް ކޯޓުން އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމާފައިވާ ނިންމުމުގައިވަނީ ޝައުނާއަކީ ފުލުހުން ތަހްގީގުކުރާ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކަށް ނުވުމުގެ އިތުރުން އެފޯމުގައި ބަޔާންކޮށްފައިވާ ކުށުގެ ބާވަތަކީ ޒާތީ މުޢާމަލާތް އަޑުއަހައި ބެލޭނެ ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާ ކަމަށެވެ.

އަދި ފޯނަކީ، ފޯނުގެ ބޭނުން ކޮށްގެން އަނެކުންނާއި ޒާތީ މުއާސަލާތުކުރަން ބޭނުންކުރާ ވަސީލަތަކަށްވާއިރު، އަނެކުންނާ ކުރާ ޒާތީ މުއާޞަލާތަކީ ޙުރުމަތްތެރި ވެގެންވާ އަދި ޤާނޫނުއަސާސީގެ ދެވަނަ ބާބުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަން ޤާނޫނުއަސާސީގެ 24 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަ ކަމަށް ހައިކޯޓުން ފާހަގަ ކުރައްވާފައިވެއެވެ.

އެހެން ކަމުން ޤާނޫނުއަސާސީން ދީފައިވާ މި ޙައްޤު ހަނިކުރެވޭނީ ނުވަތަ ހިފެހެއްޓޭނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން ޤާނޫނުއަސާސީއާ ތަޢާރަޟުނުވާނެ ގޮތެއްގެ މަތިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންކަން އެނގެން އޮންނަކަމަށްވެސް ވަނީ ބުނެފައިއެވެ.

މާލޭގައި ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާގައި ޝައުނާ ނިޔާވިކަން އެނގުނީ އެ ހާދިސާ ހިނގިތާ ތިން ގަޑިއިރު ފަހުންނެވެ. އޭނާ ނިޔާވީ ގުދަނުގައި ހިފި އަލިފާންގަނޑު ބޮޑުވެ އޭނާ ދިރިއުޅެމުންދިޔަ ގޭގައި އަލިފާން ރޯވުމުގެ ސަބަބުން ގެއިން ނުނިކުމެވި ތާށިވެ ހިނގި ހާދިސާއެއްގައެވެ.