ފުލުހުންގެ އިދާރާގެ ވަކިވަކި ފުލުހުންތަކެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަމުގައި ރެއިޑްކޮށް، އެމެންބަރުންނަށް ވަރަށްބޮޑަށް ފާރަލަމުންދާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކުރިން މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ވަކިވަކި ފުލުހުންތަކެއް މެމްބަރުންނަށް ފާރަލުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުން މިދަނޑިވަޅުގައި ފުލުހުންގެ ބިލުގެ މަސައްކަތް ކުރައްވަމުންދާއިރު، ރައްޔިތުން ބޭނުންވާފަދަ ފުލުހުންގެ މުވައްސަސާއެއް ޤާއިމް ކުރެވިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް މައުލޫމާތު އެބަލިބޭ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ބޭފުޅުންކޮޅެއް، ވަކިވަކިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އެކިއެކި ކަންކަން ރެއިޑްކުރުމަށް، ބެލުމަށް މަސައްކަތް ކުރަމުންދާކަމަށް. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މިދަނީ މިތަނުގައި ފުލުހުންގެ ބިލަށް ބަހުސް ކުރަމުން. އެގިވަޑައިގަންނަވާނެ އެބިލްގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށްބޮޑަށް ބަދަލުވެގެންދާނެ. އަދި ގިނަ ހެޔޮ އިސްލާހު އަންނާނެ. އަޅުގަނޑުމެން އެންމެން އެދެނީ ރަނގަޅު ފުލުހުންގެ މުވައްސާއެއް އޮތުމަށް" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ފުލުހުންނަކީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ޒިންމާއެއް އޮތްބަޔަކަށް ވާއިރު، ފުލުހުންގެ ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އާންމު ރައްޔިތުންނަށް ނުދޭ ސަމާލުކަމެއް ވަކިވަކި މެމްބަރުނަށް ދިނުމަކީ އެދޭކަމެއް ނޫންކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ސިފައިންނަށްވާއިރު، އެމަސައްކަތް އެބޭފުޅުން ކުރައްވާނެކަމާއިމެދު ޝައްކު ނުކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
"މެމްބަރުންގެ ސައިލަކަށް، ވިޔަސް އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުހުންގެ އާންމު އުސޫލުތަކައި ހަމަޔާއި ހިލާފަށް ވަކިންގޮސް މެމްބަރެއް ޗެކްކޮށް، ގެ ބަލައި ފާސްކޮށް، އެވެނިކަމެއް، މިވެނިކަމެއް ކުރުމަށް އެއްވެސް ފުލުހަކު ނުހުރުމަށް އަޅުގަނޑު ދަންނަވަން. މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާ އޮތީ ސިފައިންނަށް. ސިފައިން އެރައްކާތެރިކަމާއި ސަލާމަތްތެރިކަން ބަލަހައްޓަވާނެކަމުގެ ޔަގީކަން އަޅުގަނޑުމެންނަށް އެބައޮތް" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ މުވައްސަސާއާއި ގުޅުންހުރި މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި މިހާރު ކުރަމުންދާއިރު، މަޖިލީހުގައި މިހާރު އޮތް ފުލުހުންގެ ބިލާއިގުޅޭގޮތުން އާންމުންގެ ޚިޔާލް ހޯދުމަށް ބާއްވާ ބައްދަލުވުން މިރޭ މަޖިލީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.