ކުޅިވަރު

"އަހަރުމެން ތައްޓާ ދުރަށް ގޮސްފި": ސެޓިއެން


އެތްލެޓިކޯ މެޑްރިޑް އަތުން 2-2 އިން ރޭ އެއްވަރުވުމުން ބާސެލޯނާއިން ސްޕެނިޝް ލީގުގެ ތައްޓާ ދުރަށް ހިނގައްޖެކަމަށް ކޯޗު ކީކޭ ސެޓިއެން ބުނެފިއެވެ.

މި ނަތީޖާއާއެކު ވާދަވެރި ރެއާލް މެޑްރިޑް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށްފިނަމަ ބާސެލޯނާއަށްވުރެ ހަތަރު ޕޮއިންޓް ކުރިއަށް ޖެހޭނެއެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ ހަތަރު މެޗެއެވެ.

ލީގުގައި ރޭ ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ސެޓިއެން ބުނީ އޭނާގެ ޓީމު ތައްޓާ ދުރަށް ދިޔަނަމަވެސް ރެއާލް މެޑްރިޑަށް ހުރިހާ މެޗެއް ކާމިޔާބު ކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. ނަމަވެސް މިވާހަކަތަކާމެދު ފަރުވާލެއް ނެތް ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ވަނީ ބުނެފައެވެ.

ބާސެލޯނާގެ ކޯޗު ކަމުން ސެޓިއެން ވަކިކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާމެދު އޭނާ ބުނީ ކުރިއަށްވުރެ އިތުރު ޕްރެޝަރެއް އޭނާ އަށް އިހުސާސްނުވާ ކަމަށާއި ނަމަވެސް ނަތީޖާ ދަށްވާނަމަ އެއީ ކުލަބުން ވިސްނާނެ ކަމެއްކަން އެނގޭ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކޯޗިން ޓީމާއި ކުޅުންތެރިންނާ ދެމެދު ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވެފައެވެ. ހާއްސަކޮށް ޓީމު ނެގުމުގައި ކޯޗިން ޓީމުން ގެންގުޅޭ އުސޫލުތަކާމެދު ބައެއް ކުޅުންތެރިން ހިތްހަމަނުޖެހެއެވެ. އަނެއްކޮޅުން ކުލަބުގެ ބޯޑުން ކުޅުންތެރިންގެ މުސާރަކުޑަކުރުމާއި ޓްރާންސްފާތައް ކުރިއަށްދާ ގޮތުން ވެސް ކުޅުންތެރިންގެ މެދުގައިވަނީ ހިތްހަމަނުޖެހުންތައް އިތުރުވެފައެވެ.