ވިޔަފާރި

ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް އައު ކަންޓްރީ ޑިރެކްޓަރެއް އައްޔަންކޮށްފި


ވޯލްޑް ބޭންކުން ރާއްޖެ ހިމެނޭ ސަރަހައްދަށް އައު ކަންޓްރީ ޑިރެކްޓަރއެއް އައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖެ، ނޭޕާލް އަދި ސްރީލަންކާގެ ކަންޓްރީ ޑިރެކްޓަރުގެ މަޤާމަށް ވޯލްޑް ބޭންކުން އައްޔަންކޮށްފައިވަނީ ފާރިސް ހަދާދު-ޒާވޮސްއެވެ. ކަންޓްރީ ޑިރެކްޓަރކަމަށް ފާރިސް ހަދާދު އައްޔަންކޮށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އައިޑާ ސްވަރާއީ-ރިޑިހޯ ވޯލްޑް ބޭންކްގެ އެހެން މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ފާރިސް ހަދާދު-ޒާވޮސް މަސައްކަތް ކުރާނީ ނޭޕާލްގެ ކަތުމަންޑޫގައި ހުންނަ ތިން ގައުމުގެ ސަރަހައްދީ އޮފީހުގައެވެ. އޭނާގެ މަސައްކަތުގެ ތެރޭގައި ރާއްޖެ، ނޭޕާލް އަދި ސްރީލަންކާގައި ހިންގޭ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ މަޝްރޫއުތަކަށް ވޯލްޑް ބޭންކުން ދޭ އެހީތެރިކަން ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކުރެއްވާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އައު ޑިރެކްޓަރަކު އައްޔަންކުރައްވާފައި މިވަނީ ކޯވިޑް19 ގެ ނާޒުކު ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން ކޯވިޑް19 ގެ ހާލަތުން އަރައިގަތުމަށް ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާގެ ސަރުކާރުތަކަށް އަންނަނީ އެކިގޮތްގޮތުން ފައިސާގެ އެހީ ފޯރުކޮށްދެމުންނެވެ.