ޚަބަރު

މެމްބަރުންގެ އަނބިންނާއި ފިރިންގެ މާލީ ބަޔާން އޮޑިޓް އޮފީހަށް ފޮނުވަން ފާސްކޮށްފި


ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ ދަރިންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމުކޮށް، އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާންތައްވެސް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭގޮތަށް ފާސްކޮށްފިއެވެ.

މިމައްސަލަ އާއްމު ކޮމިޓީއަށް ހުށައަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީޙުގެ ރައީސް މުޙައްމަދު ނަޝީދެވެ. މިމައްސަލަ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓުންނެވެ.

މާލީ ބަޔާން އާންމުނުކުރުމާއި ގުޅޭގޮތުން ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ، މި އިސްލާހުގައި ބުނެފައިވަނީ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު އޮޑިޓަރ ޖެނެރަލްއަށް ފޮނުވާންވާނެކަމަށެވެ. މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއިއެކުގައެވެ.

އާންމު ކޮމިޓީއަށް މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައި ވަނީ މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރުމަށެވެ. މަޖިލީހުގެ ޤަވާއިދު މިހާރު ބުނާގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަންޖެހޭނެކަމަށެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ މިގޮތަށް މިކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އާއިލާގެ މެމްބަރުންގެ މާލީބަޔާން އާންމުނަށް ފެންނަން ހުންނާނޭހެން އާންމުކުރުމުގެ ބަދަލުގައި ކަމާއިބެހޭ ވަކި އިދާރާއަކުން އެމައުލޫމާތެއް ބޭނުންވެއްޖެނަމަ އެކަން ކުރެވޭނެގޮތް ހެދުމަކީ މައްސަލައެއް ނޫންކަމަށް މެމްބަރުން ވިދާޅުވިއެވެ.

އާންމު ކޮމިޓީގައިވަނީ މަޖިލީހުގެ މެމްބަރުންގެ އިތުރުން އެބޭފުޅުންގެ ދަރިންނާއި އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމުނުކުރުމާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި އިދާރާތަކާއި މުވައްސަސާތަކާއި ބައްދަލުކުރައްވައި އެބޭފުޅުން ދެކޭގޮތް އޮޅުންފިލުވާފައެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދެކޭގޮތް:

18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އޮތްނަމަވެސް އެ މަޢުލޫމާތުތައް ޢާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ދެކޭގޮތް:

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމަކީ މިނިވަން މުސްތަޤިއްލު މަޤާމަކަށް ނުވާތީ، މެންބަރުން ހުށަހަޅުއްވާ ބަޔާންތަކުގެ ސައްޙަކަން ކަށަވަރު ކުރުމަކީ ދަތިކަމެއް ކަމަށެވެ. އަދި މީގެއިތުރުން، ބައިނަލްއަޤްވާމީ އެންމެ މަތީ މިންގަނޑަށް ބަލާއިރު، ގިނަ ޤައުމުތަކުގައި މާލީ ބަޔާންތަކުގެ ސައްޙަކަން ކަށަވަރުކުރުމުގެ ޒިންމާ ޙަވާލުކޮށްފައިވަނީ އެ ގައުމުތަކުގެ އޮޑިޓަރ ޖެނެރަލްގެ އޮފީސް ނުވަތަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށްކަމަށްވެސް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވެއެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް، މާލީ ބަޔާނުގައި ހިމެނޭ މަޢުލޫމާތުތައް ޢާންމުކޮށް ޝާއިޢުކުރާއިރު ބައެއް މަޢުލޫމާތުތައް އުނިކުރެވިދާނެކަމަށް އެ ޖަމްޢިއްޔާއިން ދެކެއެވެ. މީގެއިތުރުން، ވެބްސައިޓުގައި ޝާއިޢުކުރާއިރު މެންބަރުގެ އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބާޔާން އުނިކުރުމަށްފަހު ހަމައެކަނި މެންބަރުގެ މާލީ ބަޔާން ޝާއިޢުކުރެވިދާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދެކޭގޮތް:

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ރައްޔިތުންގެ މަޖިލީހުން ޢާންމުކުރުން ލާޒިމުކުރުމުގެ ބަދަލުގައި އެ ބަޔާންތަކުގެ ސައްޙަކަމާމެދު އޮޑިޓަރ ޖެނެރަލްގެ ރަޢުޔު ހޯދުމަށް ފޮނުވުމަށާއި އެ ބަޔާންތައް އެ އޮފީހުން ޗެކްކުރާގޮތަށް ބޭއްވުމަކީ މުހިންމު ކަމެއްކަމުގައި އެ އޮފީހުން ވަނީ ފާހަގަކުރައްވާފައެވެ. މިގޮތަށް ޗެކްކުރެވޭނެ އިންތިޒާމް ފަހިކުރެވިފައި އޮތުމުގެ ސަބަބުން ތަޙްޤީޤީ އިދާރާއަކަށް ފޮނުވަންޖެހޭފަދަ ކަމެއް ފާހަގަވާނަމަ އެކަން އެ ތަޙްޤީޤީ އިދާރާއަކަށް ފޮނުވުމަކީ އެ އޮފީހުގެ ޒިންމާއެއްކަމަށް ހެދުމަކީ މުހިންމު ކަމެއްކަމަށްވެސް އެ އޮފީހުން ދެކެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) އަށް ކޮމިޓީން ގެނެސްފައިވާ އިސްލާހާއިއެކު މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން، ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭ ގޮތުން ތައްޔާރުކޮށް، ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން ޢާންމަށް ހުށަހަޅަންޖެހެއެވެ. އަދި މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުގައި ޝާއިޢުކުރަންވާނެކަމަށްވެސް މި އިސްލާހުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ އަނބިދަރީންގެ މާލީ ބަޔާން އާންމުނުކުރުމަށް ކޮމިޓީން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކާއި އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ދަރީންގެ މާލީ ބަޔާން ހުށަހަޅަން ޖެހެއެވެ. އަދި މިގޮތަށް އަމަލުނުކުރާ މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ޤާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން އާންމުކުރުމާއި ގުޅޭގޮތުން ބުނެފައި ވަނީ ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު އެއްފަހަރު އެ މީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަޞްލަޙަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް ރައްޔިތުންގެ މަޖިލީހުގެ އަމީންޢާންމަށް ހުށަހަޅާންވާނެ ކަމަށެވެ. އަދި މިގޮތުން ދޭ މަޢުލޫމާތުގައި އެ މީހަކު އަދާކުރާ އެހެން ވަޒީފާތަކާއި އެ ވަޒީފާތަކުގެ ޒިންމާތައް ހިމަނަންވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.