ޚަބަރު

ލޯންޗެއްގައި ރޯވެ ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް


ރިސޯޓަކުން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެ އޭގައި ތިބި ބައެއް މީހުން ފިހިއްޖެއެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. "މާލިފުށި2" ނަމަކަށްކިޔާ އެ ލޯންޗްގައި ރޯވީ މާލިފުށި ރިސޯޓުން މާލެ އައުމަށް ކުރި ދަތުރުގައި ތ.ގުރައިދުއަށް ކައިރި ކުރަން އުޅެނިކޮށް އެރަށާ ދިމާލު ބޭރުންނެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި ހިނގިއިރު ލޯންޗުގައި 6 މީހުން ތިބިކަމަށެވެ. އަދި އޭގެ ތެރެއިން ދެ މީހަކު ފިހިފައިވާއިރު އެކަކު ވަރަށް ބޮޑަށް ފިހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ދެ މީހުނަށް މާލިފުށި ރިސޯޓުގައި ފަރުވާދެމުންދާއިރު އެ މީހުން މާލެ ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ލޯންޗްގައި ރޯވި އަލިފާންގަނޑު ނިއްވާލީ ފުލުހުންނާއި މާލިފުށިރިސޯޓްގެ މުވައްޒަފުން ކުރި މަސައްކަތުންކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާގައި އެ ލޯންޗު ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.