ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލީ ދަތިކަމާ ކުރިމަތިވި ޤުރުއާން ކުލާސްތަކާއި ޕްރީ ސްކޫލްތަކަށް ފައިސާގެ އެހީ ދިނުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމަވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރެއްވި ޢިއުލާނެއްގައި ވިދާޅުވީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 1.5 މިލިއަން ރުފިޔާ ދިނުމަށް ނިންމަވާފައިވާކަމަށެވެ. އެހެންކަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓަރކޮށްފައިވާ ޤުރުއާން ކުލާސްތަކާއި އަމިއްލަ ޕްރީ ސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކުގެތެރެއިން މާލީ ގޮތުން ދަތިތަކާއި ކުރިމަތިވެފައިވާ ތަންތަނަށް އެމިނިސްޓްރީއަށް އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މިއެހީގެ ދަށުން ޤުރުއާން ކުލާސްތަކަށް ފަސްލައްކަ ރުފިޔާ އަދި ޕްރީ ސްކޫލްތަކަށް އެއްމިލިއަން ރުފިޔާ ދޭންވަނީ ނިންމާފައެވެ.
މިއެހީ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާއެކު ވަނީ މިއެހީއަށް އެދުމުގެ ޝަރުތުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން ޕްރީ ސްކޫލްތަކަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޫޑެންޓް ޕޯޓަލްކަމަށްވާ މީމިސްއަށް ރަޖިސްޓަރކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. މިއެހީދޭ ދަރިވަރުން ކަށަވަރުކުރާނީ މި ސިސްޓަމްގެ ތެރެއިންކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް އިންފޮރމޭޝަން ސިސްޓަމްގައި ރަޖިސްޓަރ ނުވާ ފަރާތްތަކެއް ކަމުގައިވާނަމަ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ރަޖިސްޓަރވެ ކުދިންގެ މަޢުލޫމާތު ސިސްޓަމަށް އެޅުމަށްވަނީ އެދިފައެވެ. މީގެ އިތުރުން ޕެންޝަން އޮފީހުގައި ރަޖިސްޓަރކޮށްފައިވާ ސްކޫލްތަކަށް ވުމާއެކު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށައަޅާފައިވާ ފަރާތްތަކަށް ވާންޖެހެއެވެ.
އަދި ޤުރުއާން ކުލާސްތަކަކީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ހުށައަޅާފައިވާ ތަންތަންކަމުގައި ވާންޖެހެއެވެ. މީގެއިތުރުން ޤުރުއާން ކުލާސްތަކުގައި ކިޔަވައިދެނީ އުމުރުން 18 އަހަރުން ދަށުގެ ކުދިންކަމުގައިވެސް ވާންޖެހެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެހީ ހޯދުމަށް އެދޭ ޤުރުއާންކުލާސްތަކުން އެހީއަށްއެދޭ ފޯމާއެކު ރަށު ކައުންސިލުން އެޤުރުއާންކުލާހަކަށް ހާޒިރުވާ ދަރިވަރުންގެ މަޢުލޫމާތު ހިމެނޭހެން ކައުންސިލްގެ ރައީސް ސޮއިކޮށް ކައުންސިލްގެ ތަތްގަނޑުޖަހާފައިވާ ލިސްޓެއް މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ. އެގޮތުން ދަރިވަރުންގެ ނަމާއި ގޭގެ އެޑްރެހާއި ރަށާއި ގުރޭޑާއި އައިޑީކާޑު ނަންބަރު ފޮނުވަންޖެހެއެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކާއި އުނގަންނައިދޭ ކުދިންނާއި ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ރިއާޔަތްކޮށް މާކްސް ދިނުމަށްފަހު އެންމެ ބޭނުންވާ ދާއިރާތަކަށް ބަލައި ފައިސާގެ އެހީ ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ނިންމަވާފައެވެ.
މި އެހީއަށް އެދުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެެވެ. އެގޮތުން މިކަމަށް އެދޭ ފޯމާއި ލިޔެކިއުންތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ތަޢުލީމީ ދާއިރާ ހުއްޓުނަނުދީ ކުރިއަށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި 3 މަހަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު މިއަދުވަނީ ސްކޫލްތައް އަލުން ހުޅުވާލާފައެވެ.