ވިޔަފާރި

11 އަހަރަށްފަހު އެމްޓީޑީސީން ހިއްސާގެ ފައިދާ ބަހަނީ


މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން 11 އަހަރަށްފަހު ހިއްސާގެ ފައިދާ ބެހުމަށް ނިންމައިފިއެވެ.

އެމްޓީޑީސީން ހާމަކުރާގޮތުން ހުސްވި އަހަރު އެކުންފުންޏަށް ވަނީ މާލީގޮތުން ރަނގަޅު ފައިދާއެއް ލިބިފައެވެ. އަދި މިއާއެކު މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު -/10ރ ހިއްސާއަކަށް 50 ލާރި ބެހުމަށް އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ފާސްކޮށްފައެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ބެލެންސް ޝީޓާއި ފައިދާ އާއި ގެއްލުމުގެ ހިސާބު، ޖޫންމަހުގެ 29 ވަނަ ދުވަހު ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.

ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބަޔާންކުރާ މާލީ ހިސާބުތައް ކްލޯޒްކުރާ ތާރީޚާއި ހަމައަށް ކުންފުނީގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.

އެމް.ޓީ.ޑީ.ސީގެ -/100ރ ގެ އަގުގެ މޫނުމަތީ ހިއްސާއެއް 2014 ވަނަ އަހަރު ވަނީ ސްޕްލިޓްކޮށް މޫނުމަތީ ހިއްސާއެއްގެ އަގު -/10ރ އަށް ބަދަލުކޮށްފައެވެ. އެހެންކަމުން 2014 ވަނަ އަހަރު ހިއްސާ ސްޕްލިޓްކުރުމުގެ ކުރިން ހިއްސާގެ މޫނުމަތީ އަގު ކަމަށްވާ -/100ރ އިން ކަމުގައި ބަލާނަމަ ހިއްސާއަކަށް ފައިދާގެ ގޮތުގައި ބަހަނީ -/5ރ ކަމަށް އެމްޓީޑީސީން ހާމަކުރެއެވެ.

އެމްޓީޑީސީން އާއްމުކޮށްފައިވާ 2019 ވަނަ އަހަރު މާލީ ރިޕޯޓުގައިވާގޮތުން އެއަހަރުތެރޭ ކުންފުނިން ވަނީ މާލީގޮތުން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން އަހަރު ނިމުނު އިރު ކުންފުންޏަށް 1.2 މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައިވެއެވެ.

އެމްޓީޑީސީން ދަނީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް ފައިދާވާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނި ހިންގުމަށް ހުރި ދަތިތަކަށް ހައްލު ހޯދުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރަމުންދާކަމަށް އެމްޓީޑީސީން ހާމަކުރެއެވެ.

އެމްޓީޑީސީން ވަނީ އެކުންފުނީގެ ބިޒްނަސް މޮޑެލްއަށްވެސް ބަދަލުތައް ގެނެސްފައެވެ. އަދި ކުރިމަގުގައި އެކުންފުންޏަކީ މާލީގޮތުން ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ފެނިގެންދާނެކަމަށްވެސް އެމްޓީޑީސީން ޤަބޫލްކުރެއެވެ.

ސަރުކާރާއި އާއްމު ރައްޔިތުންގެ ހިއްސާއޮންނަ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) އަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހިރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށް ސަރުކާރުން 2006 ވަނަ އަހަރު އުފެއްދެވި ކުންފުންޏެކެވެ.