ވިޔަފާރި

ފަތިހު ހޮޓާތައް ހުޅުވޭގޮތަށް ވިޔަފާރިކުރެވޭނެ ގަޑިތައް ކަނޑައަޅައިފި


މިއަދުން ފެށިގެން ސައި ހޮޓާތަކާއި، ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުން ޚިދުމަތްދޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ، ސައިހޮޓާ، ކެފެޓީރިއާ، ރެސްޓޯރަންޓް، ކެންޓީންފަދަ ތަންތަން ހުޅުވައިގެން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ކަސްޓަމަރުންނަށް ޚިދުމަތްދޭނެކަމަށެވެ. އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ޚިދުމަތް ދޭއިރު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތްދިނުމަށް އިލްތިމާސްކުރައްވާކަމަށެވެ.

މާލެ ސަރަޙައްދުގައި އިޢުލާންކުރި ފުރަބަންދާ ގުޅިގެން އެޅިފިޔަވަޅުތަކަށް ލުއިތަކެއް ދޭންފަށާފައިވާއިރު، މިއަދުން ފެށިގެން ވަނީ 3 ވަނަ ފިޔަވަހީގެ ލުއިތައް އިޢުލާންކޮށްފައެވެ.


ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކަށަވަރުކުރުމަށް ބާރުއަޅަ އެޗްޕީއޭއިން ވަނީ ގައިދުރުކަމާއި ސާފްތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތްދިނުމަށް އުސޫލެއް އާއްމުކުރައްވާފައެވެ.

ކެފޭތަކާއި ރެސްޓޯރެންޓުތައް ޢާންމުންނަށް ހުޅުވާލާއިރު، އެޗްޕީއޭއިން ވަނީ އެތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭގޮތަށް ކަނޑައަޅާފައެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ "ކޯވިޑް -19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލު"ގައިވާގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތައް އާންމުންނަށް ހުޅުވާލާއިރު އެފަދަ ތަންތަނުގައި ޝީޝާ އާއި ވޭޕަރާއި، އީ -ސިނގެރޭޓް ފަދަ ތަކެތި ހިމެނޭހެން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާކަމެކެވެ.

ކޯވިޑް-19ގެ ޙާލަތަށްފަހު އައު އާންމު ޙާލަތަށް ރުޖޫޢަވެ، ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ބަލި ފެތުރުން މަދުކުރުމަށްޓަކާ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއްކަމަށް އެޗްޕީއޭއިން އާންމުކުރެއްވި އުސޫލުގައި ވިދާޅުވެފައިވެއެވެ.

މި އުސޫލުގައިވާގޮތުން ރައްކާތެރިކަމާއެކުގައި ރެސްޓޯރަންޓް، ކެފޭ ފަދަ ތަންތަނުގައި ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށް ދޭއިރު އާންމު ޙާލަތަށް ރުޖޫޢަވުމުގައި ތަނުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހަދަންޖެހެއެވެ. އަދި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭނެ ގޮތަށް މުވައްޒަފުންގެ މަސައްކަތުގެ ތާވަލް ހެދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ކާބޯތަކެތީގެ މަސައްކަތްކުރާ ތަންތަނުގައި ތަނަށް ޒިޔާރަތްކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބަހައްޓަންޖެހޭއިރު، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މަނާކަމެކެވެ.

މިއުސޫލުގައި ތަންތަނުގައި މަސައްކަތްކުރާ މީހުން މާސްކު އެޅުމަށާއި، އާންމު ސާފުތާހިރުކަމަށް ދޭންޖެހޭ ސަމާލުކަން އިސްކޮށް، މިފަދަ ޙިދުމަތްދޭ ކޮންމެ ތަނެއްގައިވެސް ގައިދުރުކަން އިސްކުރެވޭގޮތަކަށް ކަންކަން އިންތިޒާމުކުރުމަށްވެސް ވަނީ އަންގާފައެވެ.

ސަލާޙް

8 ޖަ ހާ އިރު އޮފީސް ހުޅުވެންޏާ 7 ޖަ ހާއިރު ފި ހާރަ ހުޅުވެން ވާނެ