ޚަބަރު

ފަތިހު 5:00އިން ރޭގަނޑު 11:00އަށް ހުއްދަނެތި ބޭރަށް ނިކުމެވޭނެ


މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ފަތިހު 5:00އިން ރޭގަނޑު 11:00އަށް ހުއްދަނެތި ބޭރަށް ނިކުމެވޭނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ފުރަބަންދުގެ ޙާލަތަށް ލުއި ދިނުމުގެ ތިން ވަނަ މަރުޙަލާގެ ދަށުން މާދަމާއިން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދުގައި ޢާންމުކޮށް މަގުތަކުގައި އުޅުމަށް ކަނޑައެޅިފައިވާ ގަޑިއަކީ، ކޮންމެ ދުވަހެއްގެ ވެސް ފަތިހު 5:00 އިން ރޭގަނޑުގެ 11:00 އާ ދެމެދުކަމަށެވެ.

މާދަމާއިން ފެށިގެން އައު ޢާންމު ޙާލަތުގައި ރައްކާތެރިވުމުގެ ގޮތުން ޢަމަލުކުރާނެ ގޮތް:

- ޢާންމު ތަންތާގައި އެއްވެ އުޅެވޭނީ، އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށް.
- ބޭރަށް ނުކުމެވޭ ގަޑިތަކުގައި ކުރިޔާ ޚިލާފަށް ވަކި ބަޔަކަށް ވަކި ގަޑިއެއް ޚާއްޞަކުރެވިގެނެއް ނުވޭ. ނަމަވެސް އެންމެ ރަނގަޅު - ގޮތަކީ ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރުގައި ނޫޅުން.
- ބޭރަށް ނުކުންނަ ނަމަ، އެކަކު އަކެކަކާއި ދެމެދުގައި މަދުވެގެން 3 ފޫޓޫގެ ގައިދުރުކަން ބެހެއްޓުން.
- ރަނގަޅަށް ވައި ދައުރުނުވާ ގޮތަށް ހުންނަ ބަންދު ތަންތަނާއި، ޚިދުމަތް ދޭ އައުޓްލެޓްތަކުގައާއި، ގިނައިން މީހުން އެއްވެ އުޅޭ ތަންތަނުގައި މާސްކް އެޅުން.
- ގިނަ ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒްކުރުން.
- ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން.
- ބަލިވެ އުޅޭނަމަ ބޭރަށް ނުގޮސް ގޭގައި މަޑުކުރުން.
- ހުންއައިސް، ކެއްސާ، ބޮލުގައި ރިއްސާ، ނޭވާލާން އުނދަގޫވުން ފަދަ އެއްވެސް ޢަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފްލޫ ކްލިނިކަކަށް ދިއުން.

ޖުލައި 1 އިން ފެށިގެން ލުއިދެވޭއިރު މަނާކުރެވިފައިވާ ކަންކަން:

- ކޯވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ އެއްވެސް ރަށެއްގައި 12 އަހަރުން ދަށުގެ ކުދިން ސްކޫލް، ޓިއުޝަން ކްލާސް އަދި ޑޭކެއަރ ފަދަ ތަންތަނަށް ގެންދިޔުން މަނާ.
- ކުޅިވަރު އެކެޑެމީތަކާއި، ގިނަ ކުދިން އެއްވެގެން ބާއްވާ ޙަރަކާތްތައް ހިންގުން މަނާ.
- ގިނަ މީހުން އެއްވެގެން ބާއްވާ ޕާޓީތަކާއި، އަދި ރެލީ ފަދަ ޙަރަކާތްތައް ހިންގުން މަނާ.
- ކޯވިޑް-19 ގެ ބަލިމަޑުކަން ފެނިފައިވާ އެއްވެސް ރަށެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުން މަނާ.

ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް:

- ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީ (ހެނދުނު 9 އަކުން ރޭގަނޑު 11 އަށް) އަދި ޓޭކްއަވޭ ޚިދުމަތް ދިނުން ކުރިއެކޭ ވެސް އެއްފަދައިން ކުރިޔަށް ގެންދިޔުން.
- ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ޚިދުމަތް - (ހެނދުނު 9 އަކުން ރޭގަނޑު 10 އަކަށް) ދިނުމަށް ހުޅުވައިލުން.
- ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން ހިންގުމުގައި ޢަމަލުކުރަން ޖެހޭނީ އެޗް.ޕީ.އޭ އިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް.
- ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓްތަކުގެ ޚިދުމަތް ދިނުމުގައި އެއްފަހާރާ އެތަނަކަށް ވަދެވޭނެ މީހުންގެ ޢަދަދު ފެންނަ ގޮތަށް ދޮރުމަތީގައި ބެހެއްޓުން. އަދި، 3 ފޫޓުގެ ގައިދުރުކަން ހިފެހެއްޓޭ މިންވަރަށް މީހުންނަށް ތިބެވޭގޮތަށް އެތަންތަނުގެ އެތެރޭގެ އިންތިޒާމް ހަމަޖެއްސުން.
- އެތެރޭގައި ޚިދުމަތް ހޯދާއިރު މާސްކް އެޅުން.


"ކޯވިޑް-19" ފެތުރެމުންދާ މި ނާޒުކު ޙާލަތުގައި، ޢާންމު ދިރިއުޅުމަށް އެނބުރި ރުޖޫޢަވެ، ދިރިއުޅުމުގެ އައު އާދަތަކަށާއި، އައު ވައްޓަފާޅިއަކަށް ވާޞިލުވުމަށް ކުރަމުން އަންނަ މަސައްކަތްތައް، ތަފާތު އެކި މަރުޙަލާތަކަކަށް ބަހާލެވިފައިވާއިރު، ހުރިހާ ރައްޔިތުންވެސް ބޭރަށް ނިކުންނައިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެންއީއޯސީންވަނީ އިލްތިމާސްކުރައްވާފައެވެ.