ޚަބަރު

ފުލުހުންގެ ބިލަށް ޚިޔާލު ހޯދުމަށް ޢާންމުންނަށް ބައްދަލުވުންތަކެއް ބާއްވަނީ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ބޭއްވުމަށް އެއިދާރާއިން ނިންމައިފިއެވެ.

މިއީ ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ޚިޔާލު ހޯދުމުގެ ބައްދަލުވުމެކެވެ. މި ގޮތުން ބާއްވާ ފުރަތަމަ ބައްދަލުވުން އޮންނާނީ މާދަމާރޭ 20:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މިބިލަށް ޚިޔާލު ހޯދުމަށް ޢާންމުން ބައިވެރިކޮށްގެން ޖުމްލަ 2 ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ބިލަށް ޢާންމުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް މަޖިލީހަށް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު މިހާރު އޮތީ ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެގޭ ކޮމިޓީގައެވެ. އަދި މިބިލު ދިރާސާކުރުމުގެ މަރުހަލާގައި ފުލުހުންނާއި، އެމްއެންޑީއެފް އަދި ބަންޑާރަ ނައިބުގެ އޮފީހާއި އެނޫންވެސް މިނިވަން މުއައްސަސާތަކާއި އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކޮށް ދަނީ މަޢުލޫމާތު އެއްކުރަމުންނެވެ. އެގޮތުން މިބިލަށް ބަންޑާރަ ނާއިބުގެ އޮފީހުން 40 އިޞްލަޙެއް ވަނީ ހުށައަޅާފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި ފުލުހުންގެ ރޭންކުތަކުގެ ޢަދަދުވެސް މިހާރު އޮތް އަދަދަށްވުރެ މަދުކުރުން ހިމެނެއެވެ. އެގޮތުން ފުލުހުންގެ ރޭންކުތަކުގެ އަދަދު 12 އިން 11 އަށް ދަށްކުރުމާއި، ފުލުހުންނަށް ރާއްޖެއިން ބޭރުގައި ހެކި ހޯދުމުގެ ބާރު ދިނުން ހިމެނެއެވެ. އަދި ފުލުހުން އަމަލުކުރާ ޤަވާއިދުތަކާއި، އިދާރީ ޤަވާއިދުތައް ހެދުމުގެ ބާރު ހޯމް މިނިސްޓަރަށް ލިބިދިނުންވެސް ހިމެނެއެވެ.

މި ބިލުގެ ދިރާސާ މަރުހަލާގައި 25 އިދާރާއަކާއި ބައްދަލުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ދިރާސާކުރުމުގެ މަސައްކަތް ޖުލައި 15ގެ ނިޔަލަށް ނިންމުމަށް ޤައުމީ ސަލާމަތު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.