ޚަބަރު

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތު ސިއްރުކުރުން ލާޒިމްކޮށް އުސޫލު ޢާންމުކޮށްފި

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާ ގުޅޭ އުސޫލު ބަންޑާރަ ނާއިބުގެ އޮފީހުން އެކުލަވާލައްވައި ޢާންމުކުރައްވައިފިއެވެ.

ރިޔާސީ ކޮމިޝަންތަކުން ބަންޑާރަނާއިބުގެ އޮފީހަށް ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތްތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމާބެހޭ އުޞޫލު ޢާންމުކޮށްފައިމިވަނީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ ދަށުންނެވެ.

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާގުޅޭ އުސޫލުގައި ސިއްރު މަޢުލޫމާތުތަކަކީ ކޮބައިކަން ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ. އޭގެތެރޭގައި ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުން ކޮމިޝަންތަކަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ކޮމިޝަންތަކުން ތަޙުޤީޤުކުރާ މައްސަލަތަކުގައި ހިމެނޭ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމަށާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމަށް، އެފަދަ މައްސަލަތަކުގައި އަޅަންޖެހޭ ފިޔަވަޅުއެޅުމާއި، ފޯމާއި ދަޢުވާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން، އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީއަކީ ސިއްރު ތަކެތިކަމުގައި ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ރިޔާސީ ކޮމިޝަނަކުން ތަޙުޤީޤުކުރުމަށްފަހު ދަޢުވާކުރުމަށް ނުވަތަ ފިޔަވަޅު އެޅުމަށް ފޮނުވާ މައްސަލަތަކުގެ ތެރެއިން ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލަތަކާ ގުޅޭގޮތުން، ދައުލަތުގެ އެހެން އިދާރާއަކުން ނުވަތަ އެނޫންވެސް ފަރާތެއްގެ ކިބައިން ހޯދާ މަޢުލޫމާތާއި އެ މައްސަލައިގައި ހިމެނޭ ޚަޞްމަކު ހުށަހަޅާ މަޢުލޫމާތާއި ލިޔެކިޔުން، އަދި އެފަދަ މަޢުލޫމާތުތަކަކީ ސިއްރު މަޢުލޫމާތުގެތެރޭގައި ހިމެނެއެވެ. އަދި ރިޔާސީ ކޮމިޝަނަކުން ކުރަމުންދާ ތަޙުޤީޤަކާ ގުޅިގެން، އެ ކޮމިޝަނާއެކު ބާއްވާ ބައްދަލުވުންތަކުގެ ރިކޯޑިންގއާއި ޔައުމިއްޔާތައް، އަދި އެފަދަ ރިކޯޑިންގއެއް ނުވަތަ ލިޔެކިޔުމެއްގެ ކޮޕީވެސް ވަނީ ސިއްރު މަޢުލޫމާތުގެ ތެރޭގައި ހިމަނާފައެވެ.

ރިޔާސީ ކޮމިޝަންތަކުން ފޮނުވާ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ އެހެން ކަންކަމުގެ ތެރޭގައި، ތިންވަނަ ފަރާތަކާއި މަޢުލޫމާތު ހިއްސާކުރެވޭނެ ގޮތްވެސް ވަނީ ހިމަނާފައެވެ. އެގޮތުން ރިޔާސީ ކޮމިޝަންތަކުގެ މަޢުލޫމަތު އެއްވެސް އިދާރާއަކާއި ހިއްސާކުރެވޭނީ ބަންޑާރަ ނާއިބުގެ އޮފީހުން ހުއްދަ ނަގައިގެންކަމާއި، މަޢުލޫމާތު ހިއްސާކުރެވޭނީވެސް ބަންޑާރަނާއިބުގެ އޮފީހުން ކަނޑައަޅާ އިދާރަތަކަށް ކަމަށްކަމަށްވެސް މިއުސޫލުގައި ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީވެސް ބަންޑާރަ ނައިބުކަމަށް މިއުސޫލުގައިވެއެވެ.

މިއަދުން ފެށިގެން ޢަމަލުކުރަންފެށި މިއުސޫލުވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.