40 އަހަރަށްވުރެ ގިނަދުވަސްވަންދެއް ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ، ވަޒީރުން ފެންވަރުގެ ގިނަ މަޤާމުތަކެއް ފުރުއްވި އަލްއުސްތާޛް އަލްމަރުހޫމް އަބްދުއްﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު ގެންދަވަނީ އެމަނިކުފާނުގެ ހަނދާންތައް އާކޮށް ޤައުމަށް ކޮށްދެވި ޚިދުމަތްތަކުގެ މައްޗަށް ޝުއޫރު ފާޅުކުރަމުންނެވެ.އޭގެތެރޭގައި ސަރުކާރުގައި ކެބިނެޓްގައި އެމަނިކުފާނާއެކީގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ގާތް އަދި ރަހްމަތްތެރި ބޭފުޅުން ފާހަގަކޮށްލެވެއެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތުގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، އެކިއެކި ވުޒާރާތަކުގެ ވަޒީރުކަމުގެ މަޤާމު، ދިގުމުއްދަތަކަށް ފުރުއްވާފައިވާ އަލްއުސްތާޛް އަބްދުއްﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު ދަނީ އެމަނިކުފާނުގެ ހަނދާން އާކުރަމުންނެވެ. އެގޮތުން އެމަނިކުފާނާ އެއްކޮށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބައެއް ބޭފުޅުން ވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރެއްވުމުގައި ކުރެވުނު ތަޖުރިބާ ހިއްސާ ކުރައްވާފައެވެ.އެގޮތުން އެމަނިކުފާނާއެކު ރައީސް މައުމޫންގެ ކެބިނެޓުގައި މަސައްކަތް ކުރެއްވި އަބްދުއްﷲ ކަމާލުއްދީން ވިދާޅުވެފައިވަނީ އަލްމަރުހޫމް އަބްދުއްﷲ ހަމީދަކީ ވަރަށް އިހްލާސްތެރި ކަމާއެކު މަސައްކަތް ކުރައްވާ، ދުރުވިސްނޭ ބޭފުޅެއްކަމަށެވެ. އަދި ކޮންމެ ކަމެއްވެސް ކުރައްވަނީ ދުރަށްވިސްނާ ވަޑައިގެން ފަހުން ވާނެގޮތަށް ބެއްލެވުމަށްފަހު ކަން ފާހަގަކުރައްވާފައިވެއެވެ. ދައުލަތާއި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި އެމަނިކުފާނުގެ ހުރި ނުގުޑާ އަޒުމާއި، ކަންކަމުގައި ކެރިވަޑައިގަންނަވާ މިންވަރަކީ އަންނަންއޮތް ޖީލުތަކަށް މިސާލެއްކަމަށްވެސް އަބްދުއްﷲ ހަމީދާއެކު މަސައްކަތް ކުރެއްވި ބޭބޭފުޅުން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެއެވެ. އަދި އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އިރުޝާދު ދެއްވުމުގައި އެންމެން ބަލައިގަންނަގޮތަށް އެކަން ކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ.ގެއްލިގެން އެދިޔައީ ޤައުމަށް ޚިދުމަތް ކޮށްދެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ހަނދާން މުޅި ދިވެހި އުންމަތް އާކުރާކަމަށް ސޯޝަލް މީޑިއާގައި ބައެއް ބޭފުޅުން ލިއުއްވާފައިވެެއެވެ. އަބްދުއްﷲ ހަމީދު އަވަހާރަވުމާ ގުޅިގެން ސަރުކާރުގެ އިސްމަޤާމުތަށް ފުރުއްވާފައިވާ، އަދި މިހާރުވެސް ފުރުއްވަމުންގެންދަވާ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ ފާޅުކޮށްފައެވެ. އޭގެތެރޭގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ނާއިބުރައީސް މުހައްމަދު ޖަމީލު އަހުމަދާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގައާއި އިލްމީމައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ވަރަށް ގިނަ ބޭބޭފުޅުން މަރްހޫމް އަބްދުﷲ ހަމީދުގެ ޚިދުމަތްތަކަށް ތައުރީފުކުރައްވައި ވާހަކަފުޅުދައްކަވާފައިވެއެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ މަރްހޫމް އަބްދުﷲ ހަމީދު ދައުލަތުގެ އިސް އެތައް މަޤާމެއް ފުރުއްވައި ދިވެހި ދައުލަތާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކަކީ އޭގެ އަގު ވަޒަން ކުރަންދަތި ކަންތައްތަކެއް ކަމަށެވެ.އަލްއުސްތާޛް އަލްމަރުހޫމް އަބްދުއްﷲ ހަމީދަކީ ހަގު އުމުރުފުޅުންފެށިގެން ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައާއި އަދި އޭގެފަހުން ރައީސްކަމަށް ވަޑައިގެންނެވި އެމަނިކުފާނުގެ ބެބޭފުޅު އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތްޕުޅުކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވައި، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ކެބިނެޓުގެ ވަޒީރުކަން 15 އަހަރަށްވުރެ ގިނަދުވަހު އެމަނިކުފާނު ވަނީ ކުރައްވާފައެވެ.