މުނިފޫހިފިލުވުން

ކައިޒީންގެ ގިވްއަވޭއާއެކު ގިނަ ބައެއްގެ ތަޢުރީފް


ރާއްޖޭގެ މޮޑެލިންގް އިންޑަސްޓްރީގައި އެންމެ މަޤުބޫލު އެއް މޫނަކީ ފާތިމަތު ޒަޔަން ނުވަތަ މަޝްހޫރު ނަމުންނަމަ ކައިޒީންއޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. 117 ހާހަށްވުރެ ގިނަ ފޮލޯވަރުންނާއެކު ރާއްޖޭގެ ސެލެބްރިޓީންގެ ލިސްޓުގެ އެންމެ ކުރީގައި ކައިޒީން އަންނަނީ ރަނިކަން ކުރަމުންނެވެ.

އިންސްޓަގްރާމުގައި 100 ހާސް ފޮލޯވަރުން ހަމަވުމުގެ އުފަލުގައި ކައިޒީން ވަނީ އޭނާގެ ފޭނުންނަށް ޙާއްސަ ގިވްއަވޭ ޗެލެންޖެއް މިމަހުގެ 13 ވަނަ ދުވަހު ދޫކޮށްލާފައެވެ. ޗެލެންޖުން ހޮވޭ ނަސީބުވެެރި 3 ފަރާތަކަށް، ކޮންމެ ފަރާތަކަށް 1000 އެމެރިކާ ޑޮލަރުދޭން ނިންމާ، ޗެލެންޖުގައި ބައިވެރިވިވުމުގެ ފުރުޞަތު މިމަހުގެ 27 ވަނަ ދުވަހާއި ހަމައަށް ކައިޒީން ހުޅުވާލިއެވެ. މި ޗެލެންޖުގައި ކުރަންޖެހުނުހާވެސް ކަމަކީ ކައިޒީންގެ ޕޭޖު ފޮލޯކޮށް، ގިވްއަވޭ ޕޯސްޓަށް ލައިކްދީ، ކޮމެންޓް ސެކްޝަންގައި 3 ރައްޓެހިން ޓެގްކުރުމަށްފަހު އެމީހަކަށް ގިވްއަވޭ ހައްޤުވާ ސަބަބު ބަޔާންކޮށް ކައިޒީންގެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރކުރުމެވެ.

ކައިޒީންގެ ގިވްއަވޭ ޕޯސްޓް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވައިރަލްވެ، ޗެލެންޖުގެ މުއްދަތު ހަމަވިއިރު 18900 އަށްވުރެ ގިނަ ލައިކްސްއާއި 11800 އަށްވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ. އަދި އިތުރު 16000 އަށްވުރެ ގިނަ ފޮލޯވާސް ލިބި، އޭނާގެ ފޮލޯވާސްގެ ޢަދަދު 117000 އަށްވުރެ މައްޗަށް މިހާރު ވަނީ އަރާފައެވެ. ކޮންމެއަކަސް ގިނަ ބަޔަކު އިންތިޒާރުކުރި މި ގިވްއަވޭ ޗެލެންޖުގެ ނަޞީބުވެރިން ހޮވާ، ކައިޒީން އިއްޔެ ވަނީ އެކަން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފައެވެ.

ކައިޒީންއާއި އޭނާގެ ޓީމުން ގިވްއަވޭ ޗެލެންޖްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަޞީބުވެރިން ހޮވާފައިވަނީ ގުރުއަތަކުންނޫނެވެ. އޭގެ ބަދަލުގައި ކޮންމެ ބައިވެރިއަކުވެސް އިންސްޓަގްރާމުގައި ހިއްސާކުރި ސްޓޯރީތަކަށް ބަލާ ފައިސާގެ އިނާމް އެންމެ ހައްޤުވާ 3 ބައިވެރިއަކު ހޮވީ 10 ކެންޑިޑޭޓަކު ޝޯޓްލިސްޓްކޮށް، އެމީހުންގެ ޙާލަތު ބެލުމަށްފަހުކަމަށް ކައިޒީން ވަނީ ބުނެފައެވެ.

އެގޮތުން ނަޞީބުވެރިންގެ ގޮތުގައި ކައިޒީން ހޮވާފައިވަނީ ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި ޢާއިލާގެ ޚަރަދުބަރަދު ބަލަހައްޓަން ދަތިވެފައިވާ ޒުވާނަކާއި، ތެލެސީމިއާ ޕޭޝަންޓެއް ބަލަހައްޓަމުންދާ ފަރާތެއްގެ އިތުރުން 2 ކިޑްނީގައި ފެއިލްވެފައިވާ މަންމައަކަށް ބޭނުންވާ ބޭސްފަރުވާގެ ކަންކަން ކުރުމަށް މާލީ އެހީ ބޭނުންވެފައިވާ ޒުވާނެކެވެ. މީގެ އިތުރުން މި ޗެލެންޖުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޙާއްސައެހީއަށް ބޭނުންވާ ބައްޕައަކު ބަލަހައްޓަމުންދާ ޒުވާނަކަށް ކައިޒީންގެ ޚަރަދުގައި ވީލްޗެއަރއެއްވެސް ހަދިޔާކޮށްފައިވެއެވެ.

ކައިޒީން ބުނިގޮތުގައި ގިވްއަވޭ ހަދިޔާއެއްގެ ގޮތުގައި އަގުބޮޑު ތަކެތި ދިނުމަށްވުރެ އޭނާ ބޭނުންވީ މާލީ ޚަރަދުތައް ދެކޮޅުޖެއްސުމަށް ދަތިވެފައިވާ ފަރާތްތަކަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މި ގިވްއަވޭއަށް ބޭނުންވާ ފަންޑް ކައިޒީން ހަމަޖައްސާފައިވަނީ އޭނާގެ ފޮޓޯ ޝޫޓްތަކުންނާއި، އެހެނިހެން ސޯޝަލް މީޑިއާ ހަރަކާތްތަކުން އެއްކުރި ފައިސާއިންނެވެ. ކައިޒީން ވަނީ އޭނާގެ ގިވްއަވޭ ޗެލެންޖުން ހޮވުނު 3 ފަރާތަށް ވަކިވަކިން ގުޅާ، އެމީހުންގެ ޙާލަތާގުޅޭ މަޢުލޫމާތު އޮޅުންފިލުވާފައެވެ. އަދި އެމީހުންގެ ހުއްދައާއެކު އިންސްޓަގްރާމް ސްޓޯރީތަކަށް ލީ ޕޯސްޓުގެ ސްކްރީން ޝޮޓްތައް ކައިޒީން ވަނީ ހިއްސާކޮށްފައެވެ.

ގިވްއަވޭއެއްގެ ގޮތުގައި މާލީގޮތުން އަތްމަތި ދަތިވެފައިވާ ފަރާތްތަކަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާތީ، ކައިޒީން މި ދެއްކި ނަމޫނާ ފާހަގަކޮށް، އޭނާއަށް ހިތްވަރުދީ، ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ތަޢުރީފުކުރަމުންނެވެ. މިއީ ރާއްޖޭގެ ސެލެބްރިޓީއަކު ކުރިއަށްގެންދިޔަ މިފަދަ ހަރަކާތަކަށް މިހާބޮޑު ތަރުޚީބެއް ލިބުނު ފުރަތަމަ ފަހަރެވެ.