ވިޔަފާރި

މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މާދަމާ ފަށަނީ


މޯލްޑިވިއަންގެ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޝެޑިއުލް ދަތުރުތައް އަލުން ފެށުމަށް ނިންމައިފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް މާދަމާއިން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޝެޑިއުލް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް އެއަރލައިނުން ހާމަކުރެއެވެ.

ކޯވިޑް-19އާ ގުޅިގެން އެޗް.ޕީ.އޭއިން އަދި ރަށު ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތަކާއި ލިޔުންތައް ދަތުރުކުރުމުގެ ކުރިން ހޯދުމަށް ސަމާލުކަންދިނުމަށް މޯލްޑިވިއަނުން ވަނީ އިލްތިމާޒްކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ރަށަށް ދިޔުމަށްފަހު ހޯމް ކަރަންޓީން ފުރިހަމަ ކުރަންޖެހެއެވެ. މިކަމަށްޓަކައި ދަތުރުކުރުމުގެ ކުރިން 'ހާލު ބެލުން" ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ޓެކްސްޓު މެސެޖެއް މެދުވެރިކޮށް ހޯމް ކަރަންޓީންވާން އެދޭ ފަރާތްތަކުގެ ހުއްދަ ފޮނުވާނެއެވެ.

ދަތުރުކުރުމުގެ ކުރިން ހުއްދަ ލިބުނުކަން 'ހާލު ބެލުން' ޕޯޓަލް މެދުކޮށް ޔަޤީންކުރަންޖެހެއެވެ. އަދި އަތޮޅުތެރެއިން މާލެއަށް ދަތުރުކުރާ ފަރާތްތައް އެންއީއޯސީ- ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދަތުރުކުރުމުގެ ހުއްދަ ނަގަންޖެހެއެވެ.