ޚަބަރު

އޭދަފުށީ މަގުތަކުގައި ތާރުއަޅަން ފަށައިފި


ޒަމާނީ ފެންވަރަކަށް ބ.އޭދަފުށީ މަގުތައް ހެދުމުގެ މަސްރޫގެ ދަށުން އެރަށު މަގުތަކުގައި ތާރު އަޅަން މޯލްޑިވްސް ޓްރާންސްޕޯޓް ކޮމްޕެނީ އެމް،ޓީ،ސީ،ސީން ފަށައިފިއެވެ.

ސަރުކާރުން 38 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، އެރަށުގެ ބޮޑު 17 މަގެއްގައި ތާރު އަޅާނެއެވެ.

އޭދަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ތާރު އެޅުމުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ތާރު އެޅުމުގެ މަސައްކަތް ކުރަމުންދާއިރު އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެޙީތެރިކަން ބޭނުންވާނެކަމަށެވެ. އެގޮތުން ތާރު އަޅާ މަގުތަކުގައި އެއްޗެހި ޕާކް ނުކުރުމާ މަގުމަތީގައި އެއްޗެހި ނުބެހެއްޓުމަށް އެކުންފުނިން ވަނީ އެދިފައެވެ. އަދި މިކަންކަމުގެ މަޝްވަރާތައް ކައުންސިލާ އެއްކޮށް ކުރެވިފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.

ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިމަސައްކަތުގެ ތެރެއިން މިހާރު ބައެއް މަގުތަކުގައި ސަބް ބޭސް އެޅުމުގެ މަސައްކަތާ، ވާރޭފެން ހިންދުމަށް ބޭނުން ކުރާ ވަޅުގަނޑުތައް ފެއްތުމާއި ހޮޅި އެޅުމުގެ މަސައްކަތްވެސް ކުރަމުންދެއެވެ.

އެންމެ ފުރަތަމަ މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްއާރްޑީސީއާއެވެ. އެމްޓީސީސީން މި މަސައްކަތް އަލުން ހަވާލުކޮށްފައިވަނީ، 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކޮށްފައި ވަނީ މި ސަރުކާރުންނެވެ. އޭދަފުށީގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ، ދެ ފަރާތުގައި ޕޭވްމަންޓް ހަދައި، ބޮޑެތި މަގުގެ ދެފަރާތުގައި ގަސް އިންދާ ގޮތަށެވެ.