ޚަބަރު

މަރުހޫމް އަބްދުﷲ ހަމީދުގެ ހަށިކޮޅު މާދަމާ ރާއްޖެ ގެންނަނީ


ދަޢުލަތަށް ގިނަ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ އަލްއުސްތާޛް އަބްދުﷲ ހަމީދުގެ ހަށިކޮޅު މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.ޕަބްލިކް ސާވިސް މީޑިޔާއަށް މައުލޫމާތުދެއްވި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމަނިކުފާނުގެ ހަށިކޮޅު މާލެ ގެންނަވައި މޫނުފުޅު ދެއްކެވުމަށްފަހު ރަސްމީ އިއްޒަތުގައި ފަސްދާނު ލުމަށް ހަމަޖެހިފައި ވަނީ މާދަމާރޭ އިޝާނަމާދަށް ފަހުގައި ކަމަށެވެ. އަދި މިވަގުތު މިޞްރުގައި ހުންނެވި ކުރީގެ ރައީސް އަދި އަބްދުއްﷲ ހަމީދުގެ ބޭބޭފުޅު އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމްވެސް މާދަމާ މާލެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލް ވިދާޅުވިއެވެ.އަލްމަރްޙޫމް ޢަބްދުﷲ ޙަމީދު އަވަހާރަވީ މީގެ 3 ދުވަސްކުރިން ހާޓް އެޓޭކެއް ޖެހިވަޑައިގެން އިންޑިޔާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށް އިއްޔެގެ ފަހުގެ ވަގުތެއްގައެވެ. މައިނަރ ސްޓްރޯކެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާއަށް ބެންގަލޫރަށް ފުރާވަޑައިގަތީ ޖުލައި މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.ކުރީގެ ރައީސް މައުމޫން ޢަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބޭފުޅު އަބްދުﷲ ހަމީދަކީ ސަރުކާރުގެ ގިނަ އިސް މަގާމް ތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.މިގޮތުން ރައީސް މައުމޫންގެ ސަރުކާރުގެ އިތުރުން ރައީސް އިބްރާހިމް ނާޞިރުގެ ސަރުކާރުގައިވެސް މުހިއްމު މަގާމް ތަކެއް އަބްދުﷲ ހަމީދް ފުރުއްވާފައިވެއެވެ. އެމަނިކުފާނު އަވަހާރަވިއިރު 6 އަންހެން ބޭފުޅަކާއި، 6 ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އަދި ކާފަ ވިދާޅުވާ ތޭވީސް ބޭފުޅަކު އެބަތިއްބެވިއެވެ.އެމަނިކުފާނު އަވަހާރަ ވުމުގެހިތާމައިގައި، މިއަދުން ފެށިގެން ތިން ދުވަސްވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވަނީ ހަމަޖައްސަވާފައެވެ.