ޚަބަރު

ބޯކޮށާތަންތަނާއި ސެލޫންތަކުން ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލު އާއްމުކޮށްފި


ބޯކޮށާތަންތަނާއި ސެލޫންތަކުން ޚިދުމަތްދިނުމުގައި ޢަމަލުކުރަންޖެހޭ އުސޫލު އާއްމުކޮށްފިއެވެ.

ކޯވިޑް 19ގެ ފުރަބަންދަށް ލުއި ދެމުން އަންނައިރުު ތިންވަނަ ފިޔަވަހީގައިދޭ ލުއިތަކުގައި ބޯކޮށާ ތަންތަނާއި ސެލޫންތަކުގެ ޚިދުމަތް ފެށުމަށް އަންނާނީ ތައްޔާރުވަމުންނެވެ.

ޚިދުމަތްތައް ފެށުމަށް ލުއިތައް ދެމުން އަންނައިރު، މިއިން ކޮންމެ ޚިދުމަތެއްގައި ޢަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ދަނީ އާއްމުކުރަމުންނެވެ.

ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވާލާއިރު ޚިދުމަތް ދޭ ފަރާތާއި، ޚިދުމަތް ހޯދާ ކަސްޓަމަރުން ޢަމަލުކުރަންޖެހޭ އުސޫލު ވަނީ ޢާއްމުކޮށްފައެވެ.

ސެލޫނާއި ބޯކޮށާ ތަންތަނުގައި ހުންނަންޖެހޭ އާއްމު ޝަރުތުތައް:

  • ސެލޫނަށް އެއްފަހަރާއި ވަދެވޭނެ މީހުންގެ އަދަދު ކަނޑައެޅުމާއި، އެއް ކަސްޓަމަރާއި އަނެއް ކަސްޓަމަރަށް ޚިދުމަތްދިނުމުގައި 3ފޫޓު ދުރުމިން ބެހެއްޓުން.
  • ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިިޔަވަޅުތަކުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުން
  • ވެއިޓިންގ އޭރިއާގައި 3ފޫޓު ހުންނާނެހެން ގޮނޑި ބެހެއްޓުން
  • ކޯވިޑްގެ ޢަލާމަތްތައް ހުންނަންނަމަ ޚިދުމަތް ނުދިނުން
  • އެކަކަށް ބޭނުންކުރާ ފުއްމާގަނޑާއި ސްޕޮންޖްފަދަ ތަކެއްޗަކީ ޑިސްޕޯސަލް ތަކެތިކަމުގައިވުމާއި، މިފަދަ ތަކެތި ނޫންނަމަ ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރުމަށްފަހު ސައިބޯނިލައިގެން ދޮވެ ޑިސްއިންފެކްޓް ކުރުން
  • ބޭނުންކުރާ އޭޕްރަންއާއި ތުވާލި ދޮވެ ސާފުކުރުމަށްފަހު ދެވަނަ ކަސްޓަމަރަކަށް ބޭނުންކުރުން
  • ކަސްޓަމަރުންނާއި ގާތުން ޚިދުމަތް ދިނުމުގައި ފޭސް ޝީލްޑް އެޅުމާއި އަންގިލެއްވުން
  • ސައިބޯނިލައިގެން އަތްދޮވެ، ސެނިޓައިޒަރއިން ސާފުކުރެވޭނެ އިންތިޒާމް ހުރުން
  • ފައިސާ ބަލައިގަތުމުގައި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހުރުން
  • ސެލްފް ސަރވިސް ކޮފީ ނުވަތަ ބުއިންތަކުގެ ޚިދުމަތްދޭ ނަމަ ޑިސްޕޯސަބަލް ކަޕްސް ބެހެއްޓުން

ކަސްޓަމަރުން ޢަމަލުކުރަންޖެހޭ އުސޫލު:

  • ކޯވިޑް19ގެ އެއްވެސް ޢަލާމާތެއް ހުރި ފަރާތެއް ނަމަ ގޭގައި މަޑުކުރުން
  • މާސްކް އެޅުމުގެ އުސޫލުތަކާއި އެއްގޮތަށް ޢަމަލުކުރުން
  • އެކި ތަންތަނުގައި އަތްލުމަށްފަހު އަތް ސާފުނުކޮށް ނޭފަތާއި އަންގަޔާއި ލޮލުގައި އޮތްލުމުން ދުރުހެލިވުން
  • ހޭންޑް ސެނެޓައިޒަރ އަތުގައި ގެންގުޅުން


މީގެ އިތުރުން މުޢައްޒަފުން ގަވައިދުތަކަށް އަހުލުވެރިކުރުމާއި، ކޯވިޑް އަލާމާތެއް ހުރިނަމަ ވަޒީފާއަށް ނުނެރުމަށް އެޗްޕީއޭގެ އުސޫލުގައިވަނީ ބުނެފައެވެ. އަދި ކޮންމެ ކަސްޓަމަރަަކަށް ޚިދުމަތް ދިނުމަށްފަހު ގޮނޑި އާއި ޚިދުމަތްދޭ ސަރަޙައްދު ސާފުކުރުން ހިމެނެއެވެ.

މީގެ އިތުރަށް ކައުންޓަރާއި، ގޮނޑި، މޫނުދޮންނަ ތަށި، އިސްކުރު، ސިޑީގެ ރެއިލިންގ ފަދަ ތަންތަން ގިނަގިނައިން ސާފުކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.