ވިޔަފާރި

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ރާއްޖެއާއި ބަންގްލަދޭޝާއި ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މިކަމާއި ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވަނީ އިކޮނޮމިކް މިނިސްޓްރީގައެވެ. މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް އަދި ބަންގްލަދޭޝުން ރާއްޖެއަށް ކަނޑައަޅުއްފައިވާ ހުންނަވާ ސަފީރު މުޙައްމަދު މަޒްމުލް ޙަސަން ބައިވެރިވަޑައިގަންނަވާފައިވެއެވެ.

މިބައްދަލުވުމުގައިވަނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ގުޅޭގޮތުންވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ޤަވާއިދާ ޅިލާފަށް އުޅޭ ބަންގްލަދޭޝް މަސައްކަތު މީހުން އަނބުރާ ޤައުމުތަކަށް ފޮނުވާލުމަށް ދެޤައުމު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވަނީ ހިޔާލް ބަދަލުކޮށްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގެދަށުން އަންނަ މަހުގެ ތެރޭގައި ކޮންމެ ހަފްތާއަކު 2 ފްލައިޓްގައި ބިދޭސީން އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ރާއްޖެއިން ކުރިމަތިލީއިރު އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވި އެއްކަމަކީ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރޭގައި ބަލި ފެތުރިގެން ހިނގައިދާނެތީއައި އޭގެ ސަބަބުން ކުރިމަތިވެދާނެ ބޮޑު ނުލައްކަލަކުން ޤައުމު ސަލާމަތްކުރުންކަމަށް ސަރުކާރުން ހާމަކުރެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 2689 މީހުން މިހާތަނަށް އަނބުރާ ޤައުމަށް ވަނީ ފޮނުވާލާފައެވެ. އަދި ރާއްޖޭގައި ވޯކް ޕާމިޓާ ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ޤައުމުތަކަށް ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.