މުނިފޫހިފިލުވުން

ބޮލީވުޑްގެ 7 ފިލްމެއް ޑިޒްނީ ޕްލަސް ހޮޓްސްޓަރއަށް


ކުރިއަށްއޮތް 5 މަހުގެ ތެރޭ ބޮލީވުޑްގެ 7 ފިލްމެއް ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާކަން އިޢުލާންކޮށްފިއެވެ.

"ދަ ވޯލްޓް ޑިޒްނީ ކޮމްޕެނީ އިންޑިއާ"ގެ ސްޓްރީމިންގް ޕްލެޓްފޯމެއްކަމަށްވާ "ޑިޒްނީ ޕްލަސް ހޮޓްސްޓަރ"އަކީ މިވަގުތު އިންޑިއާގައި ބޭނުންކުރާ އެންމެ ބޮޑު ޕްރިމިއަމް ސްޓްރީމިންގް ޕްލެޓްފޯމެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓަރއަށް އެންމެ އަވަހަށް އަންނާނެ ބޮލީވުޑް ފިލްމްތައް އިޢުލާންކޮށްފައިވަނީ ވަރޗުއަލްކޮށް ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.

މި އެވެންޓުގައި ބޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ އަކްޝޭ ކުމާރު، އަޖޭ ދޭވްގަން، އަބީޝެކް ބަޗަން އަދި އާލިއާ ބަޓްވަނީ ބައިވެރިވެފައެވެ. އަދި އެމީހުންގެ ކުރިއަށްހުރި ފިލްމްތަކާގުޅޭގޮތުން ފޭނުންނަށް މަޢުލޫމާތު ހިއްސާކޮށް، ފިލްމްތަކުގެ އައު ޕޯސްޓަރުތައް ދައްކާލާފައިވެއެވެ. އިވެންޓް ހޯސްޓްކޮށްފައިވަނީ ވަރުން ދަވަންއެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރުރުމަށް ހަމަޖެހިފައިވާ 7 ފިލްމަކީ "ދިލް ބޭޗާރާ"، "ލަކްސްމީ ބޮމްބް"، "ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ"، "ސަޅަކް-2"، "ދަ ބިގް ބުލް"، "ލޫޓްކޭސް" އަދި "ޚުދާ ޙާފިޒް"އެވެެ.

"ދިލް ބޭޗާރާ"

ސުޝާންތު ސިންގް ރާޖްޕުތު އެންމެފަހުން ކުޅުނު ފިލްމް "ދިލް ބޭޗާރާ" ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރާނީ އަންނަ ޖުލައިމަހުގެ 24 ވަނަ ދުވަހުއެވެ.

މިއީ 2014 ވަނަ އަހަރު ރިލީޒްކުރި ހޮލީވުޑްގެ ކާމިޔާބު ފިލްމް "ދަ ފޯލްޓް އިން އަވަރ ސްޓާރސް"ގެ ހިންދީ ރީމޭކެކެވެ. މުކޭޝް ޗަބްރާ ޑައިރެކްޓްކުރާ މި ފިލްމުންވެސް ފެނިގެންދާނީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ މެދުގައި ހިނގާ ލޯބީގެ ކަންތައްތަކެކެވެ. މިއީ މުކޭޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. 2013 ރިލީޒްކުރި "ކައި ޕޫޗޭ"ގައި ސުޝާންތާއެކު ކާސްޓިންގ ޑައިރެކްޓަރެއްގެ ގޮތުގައި މުކޭޝް ވަނީ އޭނާއާއެކު ވަރަށް ގާތުން މަސައްކަތްކޮށްފައެވެ. އަދި އޭރުންސުރެއް އޭނާ ހުރީ ސުޝާންތާއެކު އޭނާގެ ފުރަތަމަ ފިލްމް ޑައިރެކްޓްކުރަން ބޭނުންވެފައެވެ. ނަމަވެސް ސުޝާންތާއި ނުލާ މި ފިލްމް ރިލީޒްކުރުމަކީ އޭނާ ދުވަހަކުވެސް ދެކެން ބޭނުންވި ދުވަހެއް ނޫންކަމަށް މުކޭޝްގެ ބުނެފައިވެއެވެ.

މި ފިލްމްގައި ސުޝާންތުއާއި އެއްކޮށް ލީޑްރޯލުން ފެނިގެންދާނީ ސަންޖަނާ ސާންގީއެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ސައިފް އަލީ ޚާންވެސް ފެނިގެންދާނެއެވެ. މި ފިލްމް ނެރޭ ފަރާތުން ވަނީ ސުޝާންތުގެ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެއްވެސް ދީފައެވެ. އެގޮތުން ޑިޒްނީ ޕްލަަސް ހޮޓްސްޓަރއަށް ސަބްސްކްރައިބް ކޮށްފައިނުވާ ފަރާތްތަކަށްވެސް ހިލޭ މި ފިލްމު ބަލާލެވޭނެއެވެ. މިއީ ސުޝާންތުގެ މަސައްކަތް ފެނިގެންދާނެ އެންމެފަހު ފިލްމުކަމުން، ގިނަ ބަޔަކު ތިބީ މި ފިލްމް ބަލާލުމަށް ކެތްމަދުވެފައެވެ.

"ލަކްސްމީ ބޮމްބް"

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ވަރަށްވެސް ތަފާތު ރޯލަކުން ފެނިގެންދާ "ލަކްސްމީ ބޮމްބް" ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ.

"ލަކްސްމީ ބޮމްބް"އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ތަމަޅަ ފިލްމެއްކަމަށްވާ "ކަންޗަނާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ރަގްވާ ލައުރެންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މެއި މަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާގޮތަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ފިލްމްގެ ޕްރޮމޯޝަނަލް ހުރިހާ މަސައްކަތްތަކެއްވެސް ވަނީ މަޑުޖެހިފައެވެ.

މި ފިލްމުގައި އަކްޝޭއާއެކު ލީޑް ރޯލުން ދެން ފެނިގެންދާނީ ޒުވާން ބަތަލާ ކިއާރާ އަދްވާނީއެވެ. މީގެއިތުރުން ތުޝާރު ކަޕޫރު، ޝަރަދު ކެލްކަރް، ތަރުން އަރޯރާ އަދި އަޝްވަނީ ކަލްސޭކަރުވެސް ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި ޝޫޓިން ނިންމާލާފައިވަނީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކަކާއި، ބިރުވެރި ކަންތައްތަކެއްވެސް ދައްކުވައިދޭނެ ތަފާތު ފިލްމަކަަށްވެގެންދާނެ ކަމަަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.

"ސަޅަކް-2"

"ސަޅަކް-2"އަކީ 1991 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ލޯބީގެ ފިލްމް "ސަޅަކް"ގެ ސީކުއަލްއެކެވެ.

މި ފިލްމުގެ ދެވަނަ ބައިވެސް ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވަނީ މަހޭޝް ބަޓްއެވެ. އަދި ދެވަނަ ބައިގައިވެސް ލީޑް ރޯލުތަކުން ފެނިގެންދާނީ ފުރަތަމަ ބައިންވެސް ފެނިގެންދިޔަ ސަންޖޭ ދަތާއި، މަހޭޝްގެ ދޮށީދަރިފުޅު ޕޫޖާ ބަޓެވެ. ދެވަނަ ބައިން އައު މޫނުތަކުގެ ގޮތުގައި ދެން ފެނިގެންދާނީ މަހޭޝްގެ ހަގުދަރިފުޅު އަދި ބޮލީވުޑްގައި އަރަމުން އަންނަ ޒުވާންތަރި އާލިއާ ބަޓާއި، އަދިއްތިޔާ ރޯއީ ކަޕޫރެވެ.

2019 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި ޝޫޓިންގްގެ މަސައްކަތްތައް ފެށި މި ފިލްމް އެންމެ ފުރަތަމަ ރިލީޒް ކުރާގޮތަށް ހަމަޖެހިފައިއޮތީ 25 މާރިޗު 2020 ގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ފިލްމްގެ ޝޫޓިންތަކަށް ބުރުއަރާފައިވާތީ، ފިލްމް ރިލީޒްކުރުން 10 ޖުލައި 2020 އަށް ފަސްކުރިއެވެ. އެހެންނަމަވެސް އެހާތަނަށް އިންޑިއާގެ ސިނަމާތަކާއި ތިއޭޓަރތައް ހުޅުވިދާނެކަމަށް ނުބެލޭތީ، ރިލީޒްކުރާ ތާރީޚް މިވަނީ އަނެއްކާވެސް ފަސްކޮށްފައެވެ. ފިލްމް ރިލީޒްކުރާނެ ސީދާ ތާރީޙް ހާމަކޮށްފައިނުވި ނަމަވެސް، މި ފިލްމް ޑިޒްނީ ޕްލަސް ހޮޓްސްޓަރގައި އެކްސްކްލޫސިވްކޮށް ޕްރިމިއަރކުރާނެކަން ވަނީ އިޢުލާންކޮށްފައެވެ.

މިފަހަރުގެ ފިލްމުންވެސް ކުރީގެ ފިލްމުން ދައްކުވައިދިންފަދަ ލޯބީގެ އަސަރުގަދަ ކަންތައްތަކެއް ދައްކުވައިދޭއިރު، "ސަޅަކް-2" ގައި ވިލަންއެއްގެ ރޯލުން ފެނިގެންދާނީ ބެލުންތެރިން އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ފަރާތެއްކަމަށް ޑިޒްނީ ޕްލަސް ހޮޓްސްޓަރއިން ބޭއްވި ވަރޗުއަލް އިވެންޓުގައި އާލިއާ ބުނެފައިވެއެވެ. ނަމަވެސް އެއީ ބެލުންތެރިންނަށް ދޫކޮށްލާ ސަޕްރައިޒެއްކަމަށްބުނެ އެކަމުގެ އިތުރު ތަފްޞީލެއް އޭނާ ދީފައެއްނުވެއެވެ.

ކޮންމެއަކަސް ބަޓް އާއިލާގެ މުހިއްމު މެންބަރުންތަކެއްގެ މަސައްކަތް އަހަރުތަކަކަށްފަހު އެއް ފިލްމަކުން ފެނިގެންދިއުން ވެގެންދާނީ ފިލްމާމެދު ކުރެވޭ އުއްމީދުތައް އިތުރުވެގެންދާނެ ކަމަކަށެވެ.

"ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ"

އަޖޭ ދޭވްގަންގެ ކުރިއަށްއޮތް ފިލްމް "ބުޖް - ދަ ޕްރައިޑް އޮފް އިންޑިއާ" ކުރިން ރިލީޒްކުރާގޮތަށް ހަމަޖެހިފައިއޮތީ އިންޑިއާގެ މިނިވަންދުވަހާ ދިމާކޮށް އޯގަސްޓްމަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން ޑިސެމްބަރު 16 އަށް ވަނީ ފަސްކޮށްފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 16 ވަނަ ދުވަސް އިންޑިއާގައި ފާހަގަކުރަނީ "ވިޖޭ ދިވާސް" ނުވަތަ ނަޞްރުގެ ދުވަހުގެގޮތުގައެވެ. މިއީ 1971 ވަނަ އަހަރު ހިނގާދިޔަ އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި އިންޑިއާއަށް ލިބުނު ކާމިޔާބީ ފާހަގަކުރާ ދުވަހެވެ. މި ހަނގުރާމަ ހިނގިތާ މިއަހަރަށް 49 އަހަރު ފުރޭނެއެވެ. އަބީޝެކް ދުދައިއްޔާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ އިންޑޯ-ޕާކިސްތާން ހަނގުރާމައިގައި ހިނގާދިޔަ ބައެއް މުހިއްމު ޙާދިސާތަކެކެވެ.

އެގޮތުން އެދުވަސްވަރު އިންޑިއަން އެއަރފޯސްގައި މަސައްކަތް ކުރި ސްކޮޑްރަން ލީޑަރެއްގެކަމަށްވާ "ވިޖޭ ކާރްނިކް" އިންޑިއާގެ ގުޖުރާތު ސިޓީގެ އަވަށެއްކަމަށްވާ ބުޖްގައި ހުރި އިންޑިއަން އެއަރފޯސްގެ އެއަރބޭސް މަރަމާތުކުރުމަށް ކުރި މަސައްކަތް މި ފިލްމުގައި ފެނިގެންދާނެއެވެ. މި އެއަރބޭސްއަކީ ހަނގުރާމައިގައި ޕާކިސްތާން ސިފައިން ހަލާކުކޮށްލާފައިވާ ތަނެކެވެ.

ފިލްމުގައި ވިޖޭ ކާރްނިކްގެ ރޯލުން އަޖޭ ފެނިގެންދާއިރު، އަޖޭގެ އިތުރުން ދެން މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، ސަންޖޭދަތު، އަމީ ވިރްކް، ޕަރިނީތާ ސުބްހާޝް އަދި ނޯރާ ފަތޭހީ ހިމެނެއެވެ.

މި 4 ފިލްމުގެ އިތުރުން އަބީޝެކް ބަޗަންގެ "ދަ ބިގް ބުލް"އާއި، ކުނާލް ކޭމޫގެ "ލޫޓްކޭސް" އަދި ވިދްޔުތު ޖަމްވަލްގެ "ޚުދާ ޙާފިޒް"އަކީވެސް ތަފާތު ޖޯންރާތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމްތަކެކެވެ. މި ފިލްމްތައްވެސް އެކްސްލޫސިވްކޮށް ޕްރިމިއަރ ކުރާނީ ޑިޒްނީ ޕްލަސް ހޮޓްސްޓަރގައެވެ.