ޚަބަރު

ޕާކިސްތާނުން ދަތުރުކުރާ މީހުންނަށް ޔޫއޭއީއަށް އެތެރެނުވެވޭނެ


ޕާކިސްތާނުން ދަތުރުކުރާ މީހުންނަށް ޔޫއޭއީއަށް އެތެރެނުވެވޭނެކަމަށް އެ ޤައުމުން ކަނޑައަޅައިފިއެވެ.

ޔޫއޭއީގެ ސަރުކާރުން ބުނީ ޕާކިސްތާނުން އަންނަ ދަތުރުވެރިން ކޯވިޑް-19އަށް ތަހުލީލުކުރުމަށް ޚާއްޞަ އިންތިޒާމުތަކެއް ތައްޔާރުކުރެވެންދެން ޖޫން މަހުގެ 29ވަނަ ދުވަހުން ފެށިގެން ޕާކިސްތާނުން ދަތުރުކުރާ މީހުންނަށް އެ ޤައުމަށް އެތެރެނުވެވޭނެކަމަށެވެ. ޕާކިސްތާނުން ދަތުރުކުރާ ޓްރާންސިޓު ފްލައިޓުތަކަށްވެސް އެ ޤައުމަށް ނުޖެއްސޭނެކަމަށް ޔޫއޭއީގެ ވައިގެ ދަތުރުފަތުރާބެހޭ އިދާރާއިންވަނީ ބުނެފައެވެ.

އޫއޭއީގެ މައި އެއާލައިނުކަމަށްވާ އެމިރޭޓްސުންވަނީ ޕާކިސްތާނުން ކުރާ ދަތުރުތައް ޖޫން މަހުގެ 24ވަނަ ދުވަހު ހުއްޓާލައިފައެވެ. ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޕާކިސްތާނުގައި އިޢުލާނުކުރި ފުރަބަންދުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާކަމަށް ބުނެ އެ ޤައުމުގައި އިޢުލާނުކުރި ފުރަބަންދުވަނީ މެއި މަހުގެ 9ވަނަ ދުވަހު އުވާލައިފައެވެ. އެއާއެކު ޕާކިސްތާނުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

ޕާކިސްތާނުގައި 206،512 މީހުންނަށް ކޯވިޑް-19 ޖެހި، 4،167 މީހުންވަނީ މަރުވެފައެވެ. ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ކޮންމެ ދެ ހަފުތާއަކުން އެއް ހަފުތާގައި ފުރަބަންދު ޤާއިމުކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ އިލްތިމާސްކޮށްފިއެވެ.