އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް ޙަމަލާ ދިނުމަށް ޠާލިބާނު ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ރަޝިޔާއިން އިނާމު ހުށަހެޅިކަން އެ ޤައުމުގެ ރައީސް ޑޮނަލްޑު ޓްރަންޕުގެ ސަމާލުކަމަށް ގެނެސްފައިނުވާކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނޫހެއްކަމަށްވާ ނިއު ޔޯކު ޓައިމްސުގައި ޝާއިޢުކުރި ލިޔުމެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާއާއި ގުޅިފައިވާ ފައުޖުތަކުގެ ސިފައިންނަށް ޙަމަލާ ދިނުމަށް ރަޝިޔާގެ ޖާސޫސީ އިދާރާތަކުން ޠާލިބާނު ޖަމާޢަތަށް އިނާމު ހުށަހެޅިކަމަށެވެ. އެ ހުށަހެޅުމުގެ ދަށުން ޠާލިބާނުންގެ ބައެއް ހަނގުރާމަވެރިންނާއި އެ ޖަމާޢަތާ ގުޅުން އޮންނަ އެހެން ހަނގުރާމަވެރި ޖަމާޢަތްތަކަށް ފައިދާތަކެއް ލިބުނުކަމަށް އެ ލިޔުމުގައިވަނީ ބުނެފައެވެ. އެ މަޢުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕަށް ޙިއްޞާކުރިކަމަށާއި ރަޝިޔާއާމެދު އަޅާނެ ފިޔަވަޅެއް އެމެރިކާގެ ސަރުކާރުން ނިންމާފައިނުވާކަމަށްވެސް އެ ލިޔުމުގައިވަނީ ބުނެފައެވެ. އެ ތުޙުމަތުތަށް ރަޝިޔާއާއި ޠާލިބާނުންވަނީ ދޮގުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ޓްރަންޕު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ފަރާތަކުން އޭނާއަށް ނުވަތަ ނައިބު ރައީސް މައިކު ޕެންސަށް ނުވަތަ ޗީފް އޮފް ސްޓާފް މާކް މެޑޯސަށްވެސް އެކަމުގެ އެއްވެސް މަޢުލޫމާތެއް ޙިއްޞާކޮށްފައިނުވާކަމަށެވެ. އެ ނޫހަށް އެ މަޢުލޫމާތު ޙިއްޞާކުރި މަސްދަރު ހާމަކުރުމަށް ގޮވާލައްވަމުން ޓްރަންޕު ވިދާޅުވީ އެ ތުހުމަތު ކުރެވޭ ހުރިހާ ފަރާތްތަކުން ދޮގުކޮށްފައިވާކަމަށެވެ. އަދި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ގިނަ ޙަމަލާތަކެއް ދީފައި ނުވާކަމަށެވެ. އެކަމާ ގުޅޭގޮތުން ފަހުން ކުރެއްވި ޓްވީޓެއްގައި ޓްރަންޕު ވިދާޅުވީ ރަޝިޔާއިން އިނާމު ހުށަހެޅިކަމުގެ މަޢުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާއަށް ލިބިފައިވާކަމަށާއި އެ މައުލޫމާތަކީ ޞައްޙަނޫން މަޢުލޫމާތަކަށްވުމުން އެކަން ރައީސަށާއި ނައިބު ރައީސަށް ޙިއްޞާނުކުރީކަމަށް ޖާސޫސީ އިދާރާއިން އަންގައިފައިވާކަމަށެވެ.
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ޙަމަލާ ދިނުމަށް ރަޝިޔާއިން އިނާމު ހުށަހެޅިކަން އެނގިހުރެ އެކަމާ ގުޅޭގޮތުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅު ނާޅައި އެމެރިކާއިން ދޫކޮށްލާފައިވާކަމުގެ ތުހުމަތު ކޮށްފައިވަނީ ޖީ8ގެ ޤައުމެއްގެ ގޮތުގައި އަލުން ރަޝިޔާ ހިމެނުމަށް ޓްރަންޕު ގޮވާލައްވަމުންދާ ދަނޑިވަޅެއްގައެވެ.