ތިމާވެށި

ތްރީއާރް ފޯރަމްގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް


މިހާރު ކުރިއަށްދާ އޭޝިއާ އަދި ޕްސެފިކް ސަރަހައްދުގެ 6 ވަނަ ތްރީއާރް ފޯރަމްގެ ސަބަބުން، ރާއްޖޭގެ ތިމާވެށީގެ ހާލަތު ދެނެގަނެވި، ތިމާވެއްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމުގެ މަގުފަހިވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. ތްރީއާރް ފޯރަމްގެ މިއަދު މެންދުރުފަހުގެ ދަންފަޅި ބޮޑަށް އަމާޒުކޮށްފައިވަނީ ޤައުމީ ފެންވަރުގައި ތްރީއާރް ޕޮލިސީތައް ތަންފީޒުކުރުމަށް ސަރަހައްދީ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށެވެ. 6 ވަނަ ތްރީއާރް ފޯރަމްގެ ދެވަނަ ދުވަހު ފަސް މައުޟޫއަކަށް ބަހާލައިގެން ސަރަހައްދީ ފެންވަރުގައި ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. މި ބައްދަލުވުންތަކުގައި ވަކިވަކި ޤައުމުތަކުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކުން އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާސްތަކެއް ހުށަހަޅާއި، މަޝްވަރާތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މިހުރިހާ ބައްދަލުވުންތަކެއްގެވެސް ރިޔާސަތު ބަލަހައްޓަވާފައިވަނީ ސަރުކާރުގެ ކެބިނެޓް ވަޒީރުންނެވެ.މީގެ ތެރޭގައި، ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް، ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ، އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް، ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ހުސެއިން ޝަރީފް، އެކޮނޯމިކް މިނިސްޓަރ މުހައްމަދު ސައީދު، ފޮރިން މިނިސްޓަރ ދުންޔާ މައުމޫން އަދި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ހިމެނިވަޑައިގަންނަވައެވެ.މި ސެޝަންތައް ކުރިއަށްދިޔަ ގޮތާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ، މިއަދުގެ ސެޝަންތަކުގައި ތްރީއާރް ޕޮލިސީތައް ތަންފީޒުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެންދިޔަ ކަމަށެވެ. ޚާއްސަގޮތެއްގައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ތްރީއާރް ޕޮލިސީތައް ނުވަތަ ރައްކާތެރިގޮތުގައި ކުނި މެނޭޖްކޮށް ނައްތާލުމުގައި ހުރި ހުރަސްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް އާމިރު ވިދާޅުވިއެވެ. މިއަދުގެ ފޯރަމްގައި 3 ޕްލެނަރީ ސެޝަންތަކެއްވެސް ކުރިއަށްގެންގޮސްފައިވާއިރު، މި ސެޝަންތައް ބޮޑަށް އަމާޒުކޮށްފައިވަނީ އެކިކަހަލަ އުފެއްދުންތައް އުފައްދާ ކުންފުނިތަކުން، އެ ކުންފުންޏަކުން އުފައްދާ އުފެއްދުމެއް ބޭނުންކުރުމަށްފަހު، އެއިން އުފެދޭ ކުނި ނައްތާލުން ނުވަތަ ދެވަނަ ފަހަރަށް ބޭނުންކުރެވިދާނެ އުސޫލުތައް ޤާއިމުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، އޭޝިއާ އަދި ޕެސިފިކް ސަރަހައްދުތަކުގެ ޤައުމުތަކުގައި ސާފު ބޯފެން ރައްކާތެރިކަމާއެކު އާއްމުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަކާއި، ޔަޤީންކަމާއެކު ފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރަމުންދާ ކަންތައްތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތައް ކުރިއަށްގެންގޮސް ވަނީ ފޯރަމްގައި ބައިވެރިވި 33 ޤައުމުގެ މަންދޫބުން 5 ގްރޫޕަކަށް ބަހާލައިގެންނެވެ.