ޚަބަރު

މިނިސްޓަރ އަސްލަމަށް 2ވަނަ ފަހަރަށް މަޖިލީހުން ރުހުން ދެއްވައިފި


މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފައްދާފައިވާ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފޮނުވިގޮތަށް ފާސްކޮށް، މިނިސްޓަރ އަސްލަމަށް ރައްޔިތުން މަޖިލީހުން ރުހުން ދީފިއެވެ.

މިނިސްޓަރު މުޙައްމަދު އަސްލަމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރައްވާފައި ވަނީ 65 މެމްބަރުންގެ ވޯޓުންނެވެ. އަދި ޕްލޭނިންގެ މނިސްޓްރީންގެ ނަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމަށް ބަދަލުކޮށް އެމިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް ބަދަލުކުރުމަށް ހުށަހެޅި މައްސަލަވެސް ވަނީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިމައްސަލަ މަޖިލީހުން ފާސްކުރައްވާފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 ވޯޓުންނެވެ.

ދެ މިނިސްޓްރީއެއް އެއްކޮށްލައި، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރގެ ނަމުގައި އުފެއްދެވި މިނިސްޓްރީއަށް މިނިސްޓަރު މުޙައްމަދު އަސްލަމް ޢައްޔަންކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

މިނިސްޓްރީ އޮފް ހައުސިން އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވާފައި ވަނީ އެމިނިސްޓްރީ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި އާމިނަތު އާތިފާ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެކަމަނާ މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ސިއްޙީ ހާލުކޮޅު ހުރިގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުޒުރުވެވަޑައިގަތުމާއި ގުޅިގެންނެވެ.