ޚަބަރު

ނިއުނޯމަލްގައި މާދަމާ ކިޔަވަން ފަށަށް ސްކޫލްތައް ތައްޔާރުތަ؟


ކޯވިޑާއި ގުޅިގެން ލޮކްޑައުންގައި 4 މަހެއްހާއި ދުވަހު އޮތުމަށްފަހު މާދަމާ ސްކޫލްތައް ހުޅުވުމަށް މި ވަނީ ތައްޔާރުވާން ފަށާފައެވެ. މާލޭ، ވިލިމާލެ ހުޅުމާލެ ސްކޫލްތައް ފިޔަވާ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ގްރޭޑް 1 ފެށިގެން މާދަމާ ކިޔަވާދޭން ފަށާނައެވެ. މާލެ ސަރަހައްދުގައި ކިޔަވާދޭނީ ގްރޭޑް 9 އަކުން ފެށިގެން މަތީގެ ދަރިވަރުންނަށެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރެން ފަށާ އެކަމުގެ ނުރައްކާ ރާއްޖެއަށްވެސް އަތުވެދާނެކަމަށް ބަލާ ރާއްޖޭހެ ހުރިހާ ސްކޫލްތައް ބަންދުކުރީ މާރިޗުމަހުގެ 11ވަނަދުވަހުއެވެ. އޭރު ސްކޫލްތައް ބަންދުކުރީ އެއް ހަފްތާއަށް ނަމަވެސް ބެލެނިވެރިންނާއި ސިއްހީ މާހިރުންގެ ކަންބޮޑުވުންތައް އޮތުމުން އޭރު ސްކޫލްތައް ބަންދުކުރި ގޮތަށް މިހާތަނަށްވެސް އޮތީއެވެ.

ބުދަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު ބައެއް ބެލެނިވެރިން ތިބީ ސްކޫލްތައް އަލުން ނުހުޅުވައިގެންނެވެ. ކޯވިޑްގެ ނުރައްކާ އަދިވެސް ދުނިޔެއިން ކެނޑިގެން ނުދާތީ ދަރިން ސްކޫލަށް ފޮނުވުމަށް ޖެހިލުންވާ އެތައް ބެލެނިވެރިންވެސް އެބަތިއްބެވެ. އެ ބެލެނިވެރިންގެ ހަމައެކަނި ކަނބޮޑުވުމަކަށް އޮތީ ނިއު ނޯމަލްގައި ސްކޫލްތައް ފަށާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސްކޫލްތަކުގައި ކިހާ ވަރަކަށް އަޅާފައިވޭތޯއެވެ.

ގައިޑް ލައިނެއް ވަނީ އެކުލަވާލާފައި

ނިއުނޯމަލަށް ތައްޔާރުވެ ސްކޫލްތައް ހުޅުވަން ތައްޔާރުވެފައިވާއިރު ސިއްހީ މާހިރުންގެ އިރުޝާދާއި ލަފަޔާއެކު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައިޑްލައިނެއް އެކުލަވާލާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ފޮނުވާފައެވެ. މި ގައިޑް ލައިން ބުނާ ގޮތުން ސްކޫލްތައް ހުޅުވުމުގެ ކުރިން އެއްވެސް ދަރިވަރަކަށް ނުވަތަ އާއިލާގެ އެއްވެސް މީހަކަށް ކޯވިޑު ޖެހި ނުވަތަ ކަރަންޓީނަށް ގެންގޮސްފައިވޭތޯ ބަލާ އެ މައުލޫމާތުތައް ސްކޫލްތަކުން އެއްކުރަންޖެހެއެވެ. ކޯވިޑް ބަލީގެ އެއްވެސް ރިސްކެއް އޮތް އެއްވެސް ދަރިވަރަކަށް ނުވަތަ ސްޓާފަކަށްވެސް ސްކޫލަކަށް ނާދެވޭނެއެވެ. މި މަސައްކަތް ފަށާ ކުދިންގެ މައުލޫމާތުތައް އެއްކޮށްފައިވާކަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ

ބަޖެޓް ލިބި ރައްކާތެރިކަމުގެ ސާމާނު އެބަހުރިތަ؟

ކޯވިޑްގެ މި ހާލަތާއި ގުޅިގެން ދިމާވެފައިވާ އިގްތިސާދީ މި ހާލަތުގައި ރާއްޖޭގައި ހުރި 213 ސްކޫލަށް ބޭނުންވާ ރައްކާތެރިކަމުގައި ސަމާނާއި ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ބޭނުންވާނީ ޤައިމުވެސް ކުޑަ ބަޖެޓެއް ނޫންނެވެ. ދަރިވަރުންގެ ރައްކާތެރިކަމަށް ހޯދަންޖެހޭ ތަކެއްޗާއި ސްކޫލްތަކަށް ބަދަލުތަކެއް ގެންނަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ކަންކަމަށް އެކަށިގެންވާ ބަޖެޓް ނެތި ނުކުރެވޭނެއެވެ. ޔުނިސެފް އިން ދާދި ފަހުން އާއްމުކުރި ރިޕޯޓެއްގައި މި ބަޖެޓް ހަމަނުޖެހޭކަން ވަނީ ފާހަގަކޮށްފައެވެ. މިނިސްޓްރީން ވިދާޅުވީ މިކަމަށް ބޭނުންވާ ބަޖެޓް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި ދަރިވަރުންގެ ރައްކާތެރިކަމަށް ސްކޫލްތަކަށް ހޯދަންޖެހޭ އަތް ދޮންނަ ފުޅިއާއި ސްކޫލަށް ވަންނަ އިރު ބޮޑީ ޓެމްޕަރޭޗަރ ބަލާނެ ތެމޯމީޓަރާއި މި ނޫންވެސް އެހެން ހުރިހާ އެއްޗެއް ގަނެ އެތަކެތި މިހާރު ވަނީ ސްކޫލްތަކަށް ޖަމާކޮށްފައެވެ. އަދި ސްކޫލްތަކަށް ކުދިން ނުކުތުމުގެ ކުރިން މި ތަކެތި ހުރިހާ ސްކޫލަކަށް ލިބި ސްޓޮކް ކުރެވޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ގައިދުރުކޮށް ކިޔަވާ ދެވިދާނެތަ؟

ކޮންމެ އަކަސް ސްކޫލްތަކުގެ ކިޔެވުން ފަށާއިރު އެންމެ އުނދަގޫ ވާނެ ކަމަކީ މީކަން ޔަޤީންނެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާދެމުން އަންނަނީ އެއްފަހަރާއި 30 ކުދިންނަށް ތިބެވޭގޮތަށް މޭޒު އަތުރައިގެންނެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައްވެސް ބޮޑުމިން ކަނޑައަޅާފައި ހުންނަނީ މި އަދަދުން ބަލައިގެންނެވެ. އަލުން ސްކޫލްތައް މި ހުޅުވަނީ ދަރިވަރުންގެ މޭޒުތައް ހުންނަޖެހޭ ދުރުމިން ކަނޑައަޅާ ދަރިވަރުންނަށްވެސް އެކަން އެގޭނެ ގޮތަށް ކުރަހާ ފާހަގަކުރުމަށްފަހުއެވެ. ކޮންމެ ދެ މޭޒެއްގެ ދުރުމިނުގައި ތިން ފޫޓް ހުންނާނެއެވެ. މި އަދަދުން ބަލާނަމަށް ކްލާސްރޫމެއްގައި ދެން ތިބެވޭނީ އެންމެ ގިނަވަގެން 12 ވަރަކަށް ކުދިންނެވެ. މިހާތަނަަށް ދެކުދިންގެ މެދުގައި އެއްވެސް ދުރުމިނެއް ނެތި ކިޔަވާދެމުން އަންނަތާ އެތައް އަހަރެއް ވުމުން ސްކޫލްތަކުގައި މާދަމާ ކިޔަވާދޭން ފަށާއިރު މުދައްރިސުންނަށް އެންމެ އުދަގޫވާނެކަމަކީވެސް މީއެވެ. މިކަމަކީ ދަރިވަރުންނަށްވެސް މުޅިން އާ ކަމަކަށް ވުމުން މިކަމުގެ އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނީ ދަށް ގްރޭޑްތަކަށް ކިޔަވާދެއްވާ ޓީޗަރުންނަށެވެ. ބުދަ ދުވަހު ސްކޫލަށް ކުދިން ފޮނުވާއިރު ބެލެނިވެރިންވެސް އެންމެ ބޮޑަށް ދަރިވަރުންނަށް ކިޔާދީ ވިސްނާދޭންޖެހޭނެ ކަމަކީވެސް މިއެވެ.

ސެޝަނެއްގައި ހަތަރު ގަޑިއިރު

ނިއުނޯމަލްގައި ގެންނަ ބަދަލުތަކާއި އެކު ސްކޫލްތަކުގައި ކުދިން ހޭދަކުރަންޖެހޭ ވަގުތައްވެސް މި ވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ. ކޮންމެ ކީ ސްޓޭޖަކަށް ވެސް ކަނޑައަޅާފައިވަނީ ހަތަރު ގަޑިއިރެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާއެވެ. ކޮންމެ ޕީރިއެޑެއްގެ ދިގުމިނަކީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްހީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.

ގްރޭޑް 1 - 6 ދެމެދުގެ ދަރިވަރުންނަށް ހަފުތާއަކު ސްކޫލުގައި ކިޔަވައިދޭނީ 19 ޕީރިއަޑެވެ. މި ގްރޭޑްގެ ދަރިވަރުންނަށް ޓެލިކިލާސް މެދުވެރިކޮށް ހަފުތާއަކު ފަސް ސެޝަން ނަގައިދޭނެއެވެ. ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ހަފުތާއަކު ކިޔަވައިދޭން ހަމަޖައްސާފައިވަނީ 18 ޕީރިއަޑެވެ. ގްރޭޑް 9 އަދި 10 ގެ ދަރިވަރުން ކެމްބްރިޖް ސިލަބަސްގައި ބުނާގޮތަށް ކޮންމެ މާއްދާއަކަށް ޖުމްލަ 180 ގަޑިއިރު ހަމަކުރާނެއެވެ. އަދި މި ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގާދޭނެއެވެ. ގްރޭޑް 11 އަދި 12ގެ ދަރިވަރުން އެޑެކްސެލް އޭ ލެވެލް ސިލަބަސްގައިވާ ގޮތަށް ކޮންމެ މާއްދާއަކުންވެސް 230 ގަޑިއިރު ހަމަކުރަން ޖެހޭނެއެވެ. މި ދަރިވަރުންނަށް ޓެލިކިލާސް އިން ކޮންމެ ހަފުތާއަކު ވެސް ދެ ސެޝަން ނަގާދޭނެއެވެ.

ކޮންމެ ދުވަހު ސްކޫލްތައް ޑިސްއިންފެކްޓް ކުރުން

އެއް ފަހަރާ ގިނަ ދަރިވަރުންތަކެއް ސްކޫލްތަކަށް އެއްވަގުތެއްގައި ނުދިޔަނަމަވެސް ހަމަގައިމުވެސް ސްކޫލްތެރެ ސާފުތާހިރުކޮށް ބޭއްވުމަށް މިހާރަށްވުރެ ބޮޑަށް އިސްކަންދޭންޖެއެވެ. ސަބަބަކީ ކޯވިޑް-19 އިން ރައްކާތެރިވެވެން އޮތް އެންމެ ބޮޑު އެއް ކަމަކީ ސާފުތާހިރުކަމެވެ. އެތައް ކުދިންނެއް ސްކޫލަށް ދާއިރު ކްލާސް ރޫމްތަކާއި ފާޚަނާތަކާއި ކުދިން ގޮސްއުޅޭ ތަންތަން ސާފުކޮށް ބޭއްވުމަކީ މިދަނޑިވަޅުގައި މުހިއްމުކަމެކެވެ. އަދި މިކަމަކީ ވަރަށް ބުރަ އުނދަގޫ މަސައްކަތަކަށްވެސްވާނެއެވެ.

މިކަމަށް ބޭނުންވާ އެންމެހާ ސާމާނުވެސް މިހާރު މިވަނީ ސްކޫލްތަކަށް ފޮނުވާފައެވެ. ތަކެތި ހުރި ނަމަވެސް މިކަން ކުރާނެ ތަރުތީބެއް ރޭވިފައި އޮންނަޖެހެއެވެ. އަދި ސްކޫލްތަކުގެ މި މަސައްކަތް ކުރާ މުވައްޒަފުން މިކަމަށް ތައްޔާރުތޯ މީ ޤައިމުވެސް ބެލެނިވެރިންގެ ސުވާލަކަށްވާނެއެވެ.

މިނިސްޓްރީގެ ޤައިޑްލައިންގައި ވާގޮތުން ދެ ދެ ސެޝަން ދެމެދު ފްލޯތަކާއި ރެއިލިންފަދަ ތަންތަން ޑިސްއިންފެކްޓް ކުރަންޖެހެއެވެ. ލިޔެފައިވާ މި އުސޫލާއި އެއްގޮތަށް ސްކޫލްތަކުގައި އެކަންކަން ހިންގާތޯ ސްކޫލްތަކުގެ މެނޭޖްމަންޓުން ވަރަށް ކައިރިން ބަލަންޖެހެއެވެ.

ދަރިވަރުންނަށް މާސްކް ހޯދީތަ؟

ކުރިއާ ޚިލާފަށް އަލުން ސްކޫލްތަކަށް ދަރިވަރުން މާދަމާ ނުކުންނައިރު މާސްކަކީ މިހާރު ޔުނިފޯމްގެ ބަޔަކަށް މިވަނީ ވެފައެވެ. މާދަމާ ސްކޫލްތަކުން ފެންނަމުންދާނީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ މަންޒަރުތަކެވެ. ހުރިހާ ދަރިވަރުން ތިބޭނީ މާސްކް އަޅައިގެންނެވެ. މާސްކް ނާޅާ ސްކޫލަށް ނުދެވޭނެތީ ބެލެނިވެރިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތަކީވެސް ދަރިންނަށް ފަސޭހަ މާސްކް ހޯދާ ނުވަތަ ފެހުމުގެ މަސައްކަތެވެ. ކޮންމެ ދުވަހަކު ދަރިވަރުން ސްކޫލަށް އަޅައިގެން ދާ މާސްކްގެ އިތުރުން އިތުރު މާސްކް ގެންދަންޖެހެއެވެ. މި މާސްކް އޮންނަން ޖެހޭ ދަބަހުގައި ރައްކާތެރިކަމާއި އެކު ދަރިވަރަށް އެގޭނެ ތަނެއްގައެވެ.

ދަރިވަރު ބޭނުންކުރާ މާސްކަކީ ސްކޫކް ލޯގޯ ޖެހި ޔުނިފޯމް ކުލައިގެ މާސްކަކަށް ވާކަށް ނުޖެހެވެ. މިނިސްޓްރީގެ ނިންމުމަކީ ދަރިވަރުން ޕްލޭން މާސްކް ބޭނުންކުރުމެވެ. އަތޮޅު ތެެރޭ ބައެއް ސްކޫލްތަކުން ވަނީ ބެލެނިވެރިން ގުޅިގެން އެ ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ މާސްކު ފެހުމަށްފަހު ސްކޫލްތަކަށް ހަދިޔާވެސް ކޮށްފައެވެ.

މުދައްރިސުންނާއި އެކު ބެލެނިވެރިންގެ ޒިންމާވެސް އެހާ ބޮޑު

ކޯވިޑް 19 ގެ ސަބަބުން ސްކޫލްތައް 3 މަހަށް ވުރެ ގިނަ ދުވަސްވަންދެން ބަންދުވެ އޮތުމަށްފަހު މާދަމާ ހުޅުވޭތީ ދަރިވަރުން ތިބީ އުފަލުންނެވެ. އެކުދިންގެ ކްލާސް ކުދިންނާއި މުދައްރިސުންނާ ބައްދަލު ކޮށްލާ ހިތުންނެވެ. މާދަމާއިން ފެށިގެން ދަރިވަރުން ސްކޫލްގައި މަދުވެގެން 4 ގަދިއރު ތިބޭއިރު މުދައްރިސުންގެ ރޯލު ވަރަށް ބޮޑަވެ. ހަމަމިއާއި އެކު ބެލެނިވެރިންގެ ޒިންމާވެސް ކުޑައެއް ނޫނެވެ.

ދަރިވަރުން މާދަމާ ސްކޫލްތަކަށް އެ ނުކުންނަނީ ގޭގައި ތިބޭތާ އެތައް ދުވަހެއް ފަހުންނެވެ. ކުދިންނަށް މި ބަލި ރަނގަޅަށް ބުނެދޭންޖެހެއެވެ. މަބްރޫކް ބޭބެއާއި ޑރ އަފްޒަލް ބޭބެ ކިޔަދިން ވަރަށްވުރެ ވެސް ފަސޭހަކޮށް ކުދިންނަށް ވިސްނާއިދެވޭނީ ބެލެނިވެރިންނަށެވެ. ސްކޫލްގައި ފާހަގަކޮށް އެ ކުއްޖަކު ހުންނަންޖެހޭ ތަނެއްގައި ހުންނަން ބުނެދޭންޖެހެއެވެ. އަދި ފްރެންޑްސާއި އެހާ ގާތް ނުވާން ކިޔާ ދޭންޖެހެއެވެ. ގިނަގިނައިން އަތް ދޮވުމާއި މާސްކު ނައްޓާނުލުމާއި އެއްކުއްޖަކު އަނެއް ކުއްޖަކު އެއްޗެހި ޝެއަރ ނުކުރަން ނަސޭހަތްދީ ވިސްނާދޭންވީއެވެ.

އެހެން ނޫންނަމަ ސްކޫލްތަކުގައި ކިތަންމެ ރައްކާތެރިިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވީނަމަވެސް އެކަން ވާނީ ބޭކާރުކަމަކަށެވެ.