ޚަބަރު

ކޯވިޑް-19 : ރިސޯޓުތަކުން ދައްކަންޖެހޭ ކުއްޔާއި ފީ އަންނަ އަހަރުގެ ޖޫންމަހާ ހަމައަށް ފަސްކޮށްދެއްވައިފި


ރިސޯޓު ދައްކަންޖެހޭ ކުއްޔާއި އެހެނިހެން ފީތައް އަންނަ އަހަރުގެ ޖޫން މަހުގެ 1ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީއިން ނިންމަވައިފިއެވެ.

މިކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ބަޔާނުގައި ވަނީ ކޯވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިޤްތިސާދަށް ދިމާވެފައިވާ ދަތިތަކާއި މިބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިތަކަށާއި ރައްޔިތުންނަށް މާލީގޮތުން ހީނަރުކަމާ ކުރިމަތި ވެފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މިދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މަލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށްދެއްވަމުން ދާކަން މިބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ސަރުކާރުން ދޫކުރައްވާފައިވާ ބިންތަކަށް 2020ވަނަ އަހަރު ދައްކަންޖެހޭ ކުލި ދެއްކުމުގައި ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

އަދި 2020ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާއި ހަތަރުވަނަ ކުއާޓަރއަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި ދެއްކުމުގެ މުއްދަތު ވަނީ 1 ޖޫން 2021 ފެށިގެން ދެއްކޭ ގޮތައް ފަސް ކޮށްދެއްވާފައެވެ. އަދި ޖޫން 2020އިން ފެށިގެން ޑިސެންބަރު 2020އާ ދެމެދު ދައްކަންޖެހޭ ބިމު ކުލި 1 ޖޫން 2021އިން ފެށިގެން ދައްކަންޖެހޭ ގޮތައް ވަނީ ފަސްކޮށްދެއްވާފައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ފަސްކޮށްދެއްވާ ކުލި އަނބުރާ ދައްކަންވާނީ 1 އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ކުލިދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދެއްވާފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރއަށް ބަހާލައިގެންނެވެ. ކުއަޓަރުތައް ބެހޭނީ ޖޫން 2021 ،ސެޕްޓެންބަރު 2021 ،ޑިސެންބަރު 2021 ،މާރިޗު 2022އަށެވެ. އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސްދުވަހަށް ބަހާލައިގެންނެވެ.

އެމިނިސްޓްރީއިން ވިދާޅުވީ ކުލި ދެއްކުން ފަސްކޮށްދެއްވި މުއްދަތުގެ ތެރޭގައި އެފަރާތަކުން ފައިސާ ދައްކާފައިނުވުމަކުން ޖޫރިމަނާއެއް ނުހިނގާނެއެވެ. އަދި މިގޮތަށް ފަސްކޮށްދެއްވާ ކުއްޔަށް ފައިސާ ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާއާއި އިންޓްރެސްޓް ހިނގަން ފަށާނީ އަލުން ފައިސާ ދައްކަންޖެހޭ މުއްދަތުގައި، 1 ޖޫން 2021 އިން ފެށިގެން، އެ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ ސުންގަނޑިއަށް ފައިސާ ނުދައްކާނަމަކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފަސްކޮށްދެއްވާ ކުލީގެ ތެރޭގައި ހިމެނެނީ އެކި މިނިސްޓްރީތަކުންނާއި އެމިނިސްޓްރީއެއްގެ ދަށުން ހިންގާ އެހެނިހެން އޮފީސްތަކާއި، ޒަކާތު ފަންޑު ފިޔަވައި މިނިސްޓްރީތަކުން ހިންގާ ޓްރަސްޓް ފަންޑުތަކުން ނަގާ ކުއްޔެވެ. އެހެންކަމުން ކުލި ދެއްކުމަށް ލުއި ދެއްވުމުގެ ސަބަބުން ކުއްޔަށް ހިފާފައިވާ ފަރާތާއި ސަރުކާރާއެކު ވެފައިވާ ކުލީގެ އެއްބަސްވުމެއް އިސްލާހުކުރަންޖެހޭނަމަ، އެއިސްލާހުތައް އެއާގުޅޭ ކަންކަން ފުރިހަމަކުރުމަށް ފިނޭންސް މިނިސްޓްރީން އަންގަވާފައެވެ.