ވިޔަފާރި

ފޯކަސް ބަދަލުކޮށް، ކުދި ވިޔަފާރިތަކަށް އިސްކަންދޭންޖެހޭ


ރާއްޖޭގައި ކުދި ވިޔަފާރިތަށް ކުރިއެރުވުމަށް ދެމުންދާ އަހައްމިއްޔަތު އިތުރުކުރަން ޖެހިފައިވާ ކަމަށް ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކޮށްފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން "ފިއުޗަރ އޮފް މައިކްރޯ، ސްމޯލް އަދި މީޑިއަމް އެންޓަރޕްރައިސަސް 'ގެ ނަމުގައި ބޭއްވި ވެބިނަރގައި ރާއްޖޭގެ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވެފައިވެއެވެ.

މި ވެބިނަރގައި ވާހަކަދައްކަވަމުން އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރަތަކުގެ ތެރޭގައި ގިނައީ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތައް ކަމަށެވެ. އެގޮތުން ރާއްޖޭގައި ރަޖިސްޓަރކޮށްވާ ކުންފުނިތަކުން 95 އިންސައްތަ އަކީ ކުދި ވިޔަފާރި އާއި މެދު ފަންތީގެ ވިޔަފާރިތައް ކަން އަބުދުލް ލަތީފް ފާހަގަކުރެއްވިއެވެ.

" އިކޮނޮމިކް ޕިރަމިޑެއްގެ ފައުންޑޭޝަނަކީ އެސްއެމްއީސް، ފައުންޑޭޝަން ހަލާކުވީމަ ދެން އިކޮނޮމީއަށްވާނެ ގޮތް ވިސްނަންޖެހޭ، ޤައުމުގެ އެންމެ ވަލްނަރަބަލް ކޮމިއުނިޓީ އެމްޕޮލޯއީކުރާ ބަޔަކީ އެސްއެމްއީސް،" ލަތީފް ވިދާޅުވިއެވެ.

ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ވަޒީފާއަށް ކުރާ އަސަރުތަކާއި އެކު ދައުލަތުން އެމީހުންނަށް މާލީ ގޮތުން އެހީވާން ޖެހުމަކީ އޭގެން އިޤްތިސާދަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކުން އިޤްސާދުގައި އަދާކުރަމުންދާ މުޙިއްމު ރޯލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޑެޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަސީމް، ނަފާ ނަސީމް ވިދާޅުވީ ރާއްޖޭގައި ފަގީރުންނާއި މުއްސަދިންގެ ފަހަގު ބޮޑުވަމުން އައިސްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެގެންދިޔަ ހިސާބުންކަމަށެވެ.
އެގޮތުން ފަތުރުވެރިކަމަށް ދެމުން އަންނަ އަހަށްމިއްޔަތު އެސްއެމްއީތައް ތަރައްޤީކުރަން ދޭނަމަ މި ފަރަގު ކުޑަވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

" މުއްސަދިންނާއި ފަޤީރުންގެ ތަފާތު ބޮޑުވަމުން އައިސްފައިވަނީ ޓޫރިޒަމް ފުޅާވާން ފެށި ހިސާބުން، ބުނަން ބޭނުންވާ ވާހަކައަކީ ޑިސްކްމިނޭޝަން އަންނަނީ އެސްއެމްއީ ސެކްޓަރ ނިގްލެކްޓު ކުރެވޭތީއޭ، ޕެރެލަލްކޮށް މި ދޭތި ގެންދެވޭ ނަމަ އޭގެ އަނެއްކޮޅު ފެންނާނެ،" ނަސީމް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކާއި މެދު ފަންތީ ވިޔަފާރިތަކުން ރާއްޖެއަށް ރަގަޅު އާމްދަނީއެއް ލިބޭ ކަމަށާއި ފަތުރުވެރިކަމުން ލިބޭ ފައިދާގެ ބޮޑު ބައެއް ދަނީ ރާއްޖެއިން ބޭރަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

" ޓޫރިޒަމް އިން ރާއްޖެއަށް ވަންނަ ލާރި ގިނަ އެހެން ހުރިހާ ކަމަކަށްވުރެ، އެކަމަކު އޭގެން ބޮޑު ބައެއް ދަނީ ރާއްޖެއިން ބޭރަށް، އަދި ބޭރު މީހުންވެސް ގިނައިން މަސައްކަތްކުރަނީ އެދާއިރާގައި،" ނަސީމް ވިދާޅުވިއެވެ.

މި ވެބިނަރގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ މިކަމަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. ގިނަ އަދަދެއްގެ ދިވެހިން ހަރަކާތްތެރިވަނީ ކުދި ވިޔަފާރިތަކާއި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ކަމަށާއި މި ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ކުރިމަގުގައި ފައިދާވެގެންދާނެ ކަމަށް ބައިވެރިންވަނީ ފާހަގަކޮށްފައެވެ.